ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ މުލީއާގޭގައެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ މުލީއާގެއަށް ބަދަލުވެވަޑައިގަތުމަށްފަހު ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.
ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، ހަތަރު ޕްރޮވިންސަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނެވެ. މިގޮތުން ޢައްޔަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ޢައްޔަން ކުރެއްވި ޕްރޮވިންސްތައް މިދަންނަވަނީއެވެ.
1. އަލްފާޟިލާ ތިލްމީޒާ ޙުސައިން މ. ނޫހިރި
އުތުރު ޕްރޮވިންސް (ނ، ރ، ބ، ޅ)
2. އަލްފާޟިލް މުޙަންމަދު ނަޢީމް މ. ވެލިދޫގެ
މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، ވ)
3. އަލްފާޟިލާ ފާރޫޤު މުޙަންމަދު ޙަސަން ދ. ކުޑަހުވަދޫ ބޮޑުގެ
މެދު ޕްރޮވިންސް (މ، ފ، ދ)
4. އަލްފާޟިލް ޢުމަރު ޖަމާލް މއ. ތިނަދޫގެ 1
މަތި ދެކުނު ޕްރޮވިންސް (ގއ. ގދ.)
މިބޭފުޅުން މި ޕްރޮވިންސްތަކަށް ޢައްޔަން ކުރެއްވުމާ ގުޅިގެން، 7 ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރުން ޢައްޔަން ކުރައްވައި ނިމުނީއެވެ. އަނެއް ތިން ޕްރޮވިންސަށް ޢައްޔަން ކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުން މިދަންނަވަނީއެވެ.
1. އަލްފާޟިލް މުޙަންމަދު ޙުނައިފް
މަތި އުތުރު ޕްރޮވިންސް (ހއ، ހދ، ށ)
2. އަލްފާޟިލް އަޙްމަދު މުޖުތަބާ
މެދު ދެކުނު ޕްރޮވިންސް (ތ، ލ)
3. އަލްފާޟިލް މުޙަންމަދު ނަޞީރު
ދެކުނު ޕްރޮވިންސް (ޏ. ސ)
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް މިރޭ ޢައްޔަން ކުރެއްވި ބޭފުޅުންނަށް ފަތްކޮޅު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދެއްވައި، އެ ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ނިންމަމުން ގެންދެވޭނެ އުޞޫލަކުން ރާއްޖޭގެ ވެރިކަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދެއްވުމަށް އެބޭފުޅުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ސަރުކާރުގެ ސިޔާސަތަކީ، މާލޭގައި މީގެކުރިން އަތޮޅުތަކުގެ ކަންތައްތައް ހިނގަމުން އައިގޮތަށް ހުއްޓުމެއް ގެނެސް، އެ ހިންގުން ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދެވުން ކަމަށާއި، މިރެއަކީ އެ ސިޔާސަތު ޢަމަލީގޮތުން ފެށޭ ރޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.