މުލީއާގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށް ހަމަޖެއްސެވީ، ފުރަތަމަ ޖުމްހޫރިއްޔަތުގެ ދަށުން ރާއްޖޭގައި އުފެދުނު ފުރަތަމަ ރަސްމީ ގެއަކީ މުލީއާގެ ކަމަށްވާތީއާއި، މުލީއާގެއަކީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ވަރަށް މުހިންމު ތަނަކަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިރޭ މުލީއާގެއަށް ބަދަލުވެވަޑައިގެން، މުލީއާގޭގައި މިރޭ އެންމެ ފުރަތަމަ ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ބައްލަވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއެއްގެ ގޮތުގައި ހަމަޖެއްސުމަށް އެންމެ އައުލާކަންބޮޑީ، މުލީއާގެ ކަމަށް ވިދާޅުވަމުން، އެކަމުގެ ތާރީޚަށް އެމަނިކުފާނު ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ ދިގު ތާރީޚަށާއި، ރާއްޖޭގެ ވެރިން، ވެރިކަން ކުރައްވަމުން ވަޑައިގެންނެވި ސަރަޙައްދާއި ގޮތާއި ކަންކަމާއި ރޫޙަށް ބައްލަވާއިރު، އެންމެ އެކަށީގެންވާ ތަނަކީ މުލީއާގެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތީމުގޭގައި އެމަނިކުފާނު ހުންނެވުމަކީ، ވަރަށް ޚަރަދުބޮޑު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިއަދު ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކާއި އަދި މުޅި ދުނިޔެއަށްވެސް ދިމާވަމުން އަންނަ އިޤްތިޞާދީ ހީނަރުކަމަށް ބައްލަވާއިރު އަދި އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ލިބޭ އެއްޗަކުން ފުއްދުން ކަމަށްވެފައި އޮތްއިރު، ރައީސުލްޖުމްހޫރިއްޔާ ތީމުގޭގައި ދިރިއުޅުއްވުން އެއީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކާއި، އެމަނިކުފާނުގެ ސިޔާސަތުތަކާ މުޅިން އެއްގޮތް ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ތީމުގޭގައި ދިރިއުޅުއްވަން ނުނިންމެވީ ރައީސް މައުމޫން އެގޭގައި އުޅުއްވާފައިވާތީ ނޫން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.