މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާޢީ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް ކައުންސިލްގެ ފަރާތުން ސިލްސިލާކޮށް ބޭއްވެވުމަށް ރާއްވަވާފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިން ފެށުމާއި ބެހޭގޮތުން ކަމާބެހޭ ކުންފުނިތަކުގެ ބޭފުޅުންނާ މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ސޯޝަލް ކައުންސިލާއި ކުންފުނިތަކުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި ހިނގާ އިޖުތިމާޢީ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިކެމްޕޭނަށް ކުންފުނިތަކުން ފުރިހަމަ އެބާރުލުން ދެއްވަން ނިންމެވިކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އާންމުން ހޭލުންތެރިކުރުވައި، އެންމެން ފަރުދީ ޒިންމާ އަދާކުރާނަމަ މަގުމަތީގެ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.