ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ބުޓާން ސަފީރު، މިސްޓަރ ޝެރިންގ ޑޯރްޖީ، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބުޓާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ބުޓާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިސްޓަރ ޑޯރްޖީ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިވަދާޢީ ޒިޔާރަތުގައި، މިސްޓަރ ޑޯރޖީ ދެއްކެވި ވާހަކަފުޅުގައި، ބުޓާނަކީ، ދިވެހިރާއްޖެއާ ވަރަށްގާތް ގުޅުމެއް އޮންނަ ރަޙްމަތްތެރި ޤައުމެއްކަމަށާއި، ބުޓާން ސަރުކާރުން ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންނާއި، ސަރުކާރުގެ ހުރިހާ ދާއިރާއަކުން އޭނާއަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.