ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން 11 އަހަރުގެ ފާޠިމަތު ދީމާ ޢަލީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ދީމާއާ ދިމާގެ އާއިލާއަށް ހިއްވަރު ދެއްވާފައެވެ. އަދި ޓޭބަލް ޓޭނިސްގެ ދާއިރާއިން ކުރިއެރުމާއި އިތުރު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޓޭބަލް ޓެނިހުން ދީމާ ރާއްޖެއަށް ރިހިމެޑަލް ހޯދައިދީފައި ވަނީ ތައިލެންޑްގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުންނެވެ. މިއީ އޭޝިޔާގެ މުބާރާތަކުން ޓޭބަލް ޓެނިހުން ރާއްޖެއަށް މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މީގެ އިތުރުން ރީޖަނަލް ހޯޕްސް ޗެލެންޖް( ސައުތު އޭޝިއަން ) 2018 އިން ދީމާ ވަނީ ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ. ބޭރުގެ އެކިއެކި މުބާރާތްތަކުން ފަޚުރުވެރި ވަނަތައް ރާއްޖެއަށް ހޯދައިދިމުގެ އިތުރުން ފާޠިމަތު ދީމާ ޢަލީ އަކީ މިހާރުވެސް ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާއެވެ