ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް އެއްނޫހަކުން ފެންނަށް އޮތުމުން ޢާންމުންނަށް ފަސޭހަވާނެކަމަށް ފެނިވަޑައިގަންނަވާތީ، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައްފަދަ ލިޔުންތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން އަންގަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. ސަރުކާރުގެ ގެޒެޓް ޢާންމު ގޮތެއްގައި ޝާއިޢު ކުރައްވާނީ ކޮންމެ ހަފުތާއެއްގެ ބުދަދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ގެޒެޓުގެ ފުރަތަމަ އަދަދު ނެރުއްވުމަށް ހަމަޖައްސަވާފައިވަނީ މި ފެބްރުއަރީ މަހުގެ 18 ވާ ބުދަ ދުވަހުއެވެ.

ގެޒެޓުގައި ޝާއިޢުކުރެއްވުމަށް އިޢްލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވިކަމުގައިވިޔަސް، އެ އޮފީހުން މިދިޔަ ޖަނަވަރީމަހުގެ 12 ވަނަ ދުވަހު ނެރުއްވި ދެންނެވުމުގައިވާ ގޮތުގެމަތިން މިފަދަ ލިޔުންތައް ނޫސްތަކަށް ފޮނުއްވަމުން ގެންދެވުމަށްވެސް އެއޮފީހުން ސަރުކާރުގެ އޮފީސްތަކަށްވަނީ އަންގަވާފައެވެ.

ޢާންމުންނަށް ފަސޭހައިން ގެޒެޓް ލިބޭނެގޮތް ހެއްދެވުމަށާއި، ފަސޭހައިން ކިޔޭނެގޮތް ހެއްދެވުމުގެގޮތުން މާލޭގެ ބައެއް ތަންތަނުން މި ގެޒެޓް ޢާންމުކޮށް ހިލޭ ލިބޭނެ އިންތިޒާމުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވަމުން އެބަގެންދަވާ ކަމަށްވެސް މިދެންނެވުމުގައި ވިދާޅުވެފައިވެއެވެ.

ގެޒެޓުގައި އިޢްލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް ޝާއިޢު ކުރެއްވުމުގައި ސަރުކާރުގެ ދާއިރާތަކުން ޢަމަލުކުރައްވަންވީ ގޮތްވެސް މިދެންނެވުމުގައި ބަޔާންކުރައްވާފައިވެއެވެ.