ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިގޮތުން ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ޚިދުމަތް ދޭނެ އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފައްޓަވައިދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަނޑޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.