السّلام عليكم ورحمـة اللّـه.

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހުގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަށް އައުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ހިތުގެ އިޚުލާޞްތެރި ހެޔޮއެދުންތައް ރައްދުކުރަން.

އާދެ، މިދަތުރަކީ ކުރިން ޤަޞްދުކުރިވަރަށްވުރެ މާބޮޑުތަން ލަސްވެގެން ކުރެވޭ ދަތުރެއް. އަޅުގަނޑު އެންމެފުރަތަމަ ޚިޔާލުކޮށްފައިއޮތީ 1982 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް ނިންމަން. އެހެންނަމަވެސް، ދިމާވި ކަންތައްތަކެއްގެ ސަބަބުން ޚާއްޞަކޮށް މިދިޔަ އަހަރަކީ އާދަޔާ ޚިލާފަށް ވިއްސާރަ ދިގުލައި، މޫސުމް ނުބައިވި އަހަރެއް ކަމަށްވާތީ، އެ ދަތުރުތައް ކުރިން ޤަޞްދުކުރެވިފައި އޮތް ގޮތުގެމަތިން ކުރިޔަށް ނުގެންދެވުނީ. އެންމެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މަސްވެރިންގެ ދުވަހުގެ އިޙުތިފާލުތައް ނިމުމާއެކު އަޅުގަނޑު ޤަޞްދުކޮށްގެންހުރީ ރ.އަތޮޅަށް ޒިޔާރަތްކުރަން. އެހެންނަމަވެސް، ދެންމެ މިދެންނެވި ސަބަބުތަކަށްޓަކައި އެ ދަތުރު މިއަދަށް ފަސްކޮށްލަން ޖެހުނީ.

ކޮންމެއަކަސް، ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އަޅުގަނޑު ރާއްޖޭގައި ރ.އަތޮޅު ފިޔަވައި ދެންހުރި ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށްފިން. މިހާރުއޮތީ ހަމައެކަނި މިއަތޮޅު. އެހެންވީމާ، މިއަތޮޅަށް އަންނަން މި ލިބުނު ފުރުޞަތަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ޚާއްޞަ، އަދި ވަރަށް އުފާވެރި ފުރުޞަތެއް. އަޅުގަނޑު ރާއްޖެތެރެއަށް ދާ ދިއުމުގެ ބޭނުން އަޅުގަނޑުހިތުން ކިނޮޅަހުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. އާދެ، އެއީ ރާއްޖެތެރޭގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށްލުން. އަދި ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތް އޮޅުންފިލުވައި، އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައްވެސް އޮޅުންފިލުވައި، އެމީހުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯބަލައި، އެކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރުން ވެދެވެން އޮންނާނީ ކޮންކޮން އެހީއެއްތޯ ބަލައިހެދުން. އަދި އެގޮތުންލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންނަށް ވެވެންއޮތް އެހީއެއް ސަރުކާރުން ވެދިނުން.

މީގެކުރިން އަޅުގަނޑު ކުރި ދަތުރުތަކުގެ މައްޗަށް ބިނާކޮށް، ހަމައެއާއެކު އަޅުގަނޑު ފިޔަވައި ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ކުރެއްވި ދަތުރުފުޅުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކޮށް ކުރިޔަށް ގެންދިއުމުގެ މަޝްރޫޢެއް ރޭވިގެން ހިނގަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އެ މަޝްރޫޢުގެދަށުން ވަރަށްގިނަ ކަންތައްތައް މިހާރު ރާއްޖެތެރޭގައި ސަރުކާރުން ކުރަމުން އެބަގެންދޭ. ބައެއް ރަށްރަށުގައި އަލަށް މިސްކިތްތައް ޢިމާރާތްކޮށްހެދުން. ނުވަތަ ހުންނަ މިސްކިތް މަރާމާތުކޮށް ހެދުން. ރަށްރަށުގައި އަލަށް ރަށުއޮފީސް ޢިމާރާތްކޮށްދިނުން. ނުވަތަ ބާވެފައި ހުންނަ އޮފީސްތައް މަރާމާތުކޮށްދިނުން. ރަށްރަށުގެ ފަޅުތެރެ ފުންކުރުން. ނެރު ފުންކުރުން. މުވައްޒަފުން އިތުރުކުރުން. އަދި މިނޫން ގޮތްގޮތުންވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުން. މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ މަޝްރޫޢެއް ހިނގަމުންދާތާ ދެތިން އަހަރުވެއްޖެ. އެ މަޝްރޫޢުގެދަށުން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން ހިންގާ މަދަރުސާއެއްވެސް މިހާރު ހިނގަމުންއެބަދޭ.

ކުރިން، އާދެ، 1978 ވަނަ އަހަރުގެ ކުރިން އެކަހަލަ އަހަންމިއްޔަތެއް ސަރުކާރުގެ ފަރާތުން ރާއްޖެތެރެއަށް ލިބިފައެއްނުވޭ. އެކަމުގެ ސަބަބުން ރާއްޖެތެރޭގެ ޙާލަތުވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައި. ރާއްޖެތެރޭގެ ދަރިންނަށް ސަރުކާރުން ލިބޭ ޚިދުމަތްތައް އޭރުއޮތީ ވަރަށް މަދުކޮށް. އެއްގޮތަކަށް ނެތޭ ދެންނެވިއަސް އެއީ ދޮގަކަށް ނުވާނެ. އަމުދުން ތަޢުލީމުގެ ހައިސިއްޔަތުން ބަލާއިރު ސަރުކާރުގެ އެހީގައި ހިނގާ އެންމެ މަދަރުސާއެއްވެސް ރާއްޖެތެރެއަކު ނެތް. އާދެ، އެންމެ މަދަރުސާއެއްހުރި. އެއީ އަތޮޅު ތަޢުލީމީ މަރުކަޒު. އޭގެތެރެއިން އެއް މަރުކަޒު އޭރުހުރީ ހުޅުވިފައި. އެހެން އެއްވެސްތަނެއް ރާއްޖެތެރޭގައި ސަރުކާރުގެފަރާތުން ހިންގާ ނުވަތަ ސަރުކާރުން ޚަރަދުދޭ ނުވަތަ ސަރުކާރުންއެހީވާ، ނެތް. އެހެންއެކަން އޮއްވައި މިހާރުގެ މި މަޝްރޫޢުގެދަށުން ރާއްޖެތެރޭގެ ދަރިވަރުންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ސަރުކާރުން ލިބިދިނުމަށްޓަކައި މިދެންނެވި
ގޮތުގެމަތިން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ މަދަރުސާއެއް ހުޅުވި، އަދި އެ މަދަރުސާ ސަރުކާރުގެ ޚަރަދުގައި ހިންގަމުންގެންދަނީ. ހަމައެއާއެކު ރާއްޖެތެރޭގައި ހުރި އަމިއްލަ މަކުތަބުތަކާއި، މަދަރުސާތަކުގެ ތެރެއިން މެދުނުކެނޑި ދިހަ އަހަރު ވަންދެން ހިނގާފައި ހުންނަ ތަންތަނަށް ސަރުކާރުން އެހީވެދިނުމުގެ އުޞޫލެއް ހަމަޖައްސައި، އެ އުޞޫލުގެ ދަށުން މިހާރު އެ މަދަރުސާތަކަށާއި، އެ މަކުތަބުތަކަށް ސަރުކާރުން ގެންދަނީ އެހީވަމުން. ބޭނުމަކީ ތަޢުލީމު ފެތުރުމަށް ސަރުކާރުން އެހީވެދިނުން. ތަޢުލީމަކީ އެއާ ނުލައި އަޅުގަނޑުމެންނަށް ކުރިޔަށް ނުދެވޭނެ ކަމަކަށްވާތީ އެންމެފުރަތަމަ އަހަންމިއްޔަތު ދޭ ކަމަކީ ތަޢުލީމުކަމަށް ހެދުން.

އާދެ، އަޅުގަނޑު ވަރަށް އުފާކުރަން، މިރަށުގައި މަކްތަބުލް ޙުއްރިއްޔާ ހިނގަމުންދާތީ. މިރަށުގެ ކަތީބުގެ ފަރާތުން އަޅުގަނޑަށް އެނގުނުފަދައިން، އެއީ ކުރިންވެސް ހިނގަމުންދިޔަ ތަނެއް. މިދޭތެރެއިން މެދުކެނޑިފައި މިހާރު އަލުން ފެށިގެން ހިނގަމުންދަނީ. އެ މަދަރުސާގެ ދަރިވަރުންކޮޅެއް އަޅުގަނޑުގެ ކުރިމަތީގައި މިތާ އެބަތިބި. ވަރަށް ސާފުތާހިރުކޮށް ވަރަށް ރީތި ޔުނީފޯމުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި އެކުދިން އެތިބީ. އެކުދިންނަކީ އަޅުގަނޑުމެންގެ މުޅި ޤައުމުގެ މުސްތަޤުބަލް. އެހެންވީމާ، އަޅުގަނޑުމެންގެ ޅަ ދަރިންނަށް ތަޢުލީމު ދިނުމަށް އެންމެންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. ސަރުކާރުން އެހީވެދިނަސް އެކަހަލަ ކަންތައްތައް ކުރިޔަށް ގެންދެވޭނީ ރައްޔިތުންނާއި ވެރިންގެ ފުރިހަމަ އެއްބާރުލުން އޮވެގެންކަން ހުރިހާ އެންމެންވެސް ރަނގަޅަށް ދަންނަންވާނެ.

އާދެ، އެހެންވީމާ އަޅުގަނޑުގެ ވާހަކަޔަކީ ރާއްޖެތެރެ ތަރައްޤީކޮށް ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުގައި ފިސާރި ކެރިގެން ވަރުގަދަ ޢަޒުމަކާއެކު ރައްޔިތުން ބައިވެރިވެވަޑައިގަތުން. ރައްޔިތުން ބައިވެރިވެވަޑައިގަންނަވައިގެން އެކަންތައްތައް ކުރިޔަށް ގެންދަވާ ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އަޅުގަނޑުމެން އެދިއެދި ތިބި ނަތީޖާތައް ފެންނަމުންދާނެ. ރަށުގެ ތަޢުލީމީ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ދާނެ. އަދި ތަޢުލީމީ ފެންވަރު މައްޗަށް ދިޔުމުގެ ސަބަބުން ރަށުގެ ދިރިއުޅުމުގެ ފެންވަރުވެސް މައްޗަށް ދާނެ. އަދި ވަރަށްގިނަ ރަނގަޅު ކަންތައްތައް އަޅުގަނޑުމެންގެ ރަށަށް ކުރިމަތި ވަމުންދާނެ.

އާދެ، އަޅުގަނޑުމެން އެންމެންނަކީވެސް ކޮންމެވެސް މަސައްކަތެއްކޮށްގެން ދިރިއުޅެމުން ދާބައެއް. އެހެންވީމާ، ދިރިއުޅުމަށް ކުރާ މަސައްކަތްތައްވެސް އިތުރުކޮށް، އެމަސައްކަތްތަކުން ލިބޭ އެއްޗެއް އިތުރު ކުރެވޭތޯވެސް ބަލަންވާނެ. ކިނޮޅަހަކީ މަސްވެރިރަށެއް. އަދި މަސްވެރި ރަށަކަށްވުމުގެ އިތުރަށް އެއީ ދަނޑުވެރިކަންވެސް ކުރާ ރަށެއް. އެއީ ވަރަށް ހީވާގި ބައެއް ދިރިއުޅޭ ރަށެއް. އެހެންވީމާ، މިރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދައްކާއިރު، މި ރޮނގުން މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް މިހާރު އަޅުގަނޑު މިހުރި މަޤާމުގެގޮތުން ރައްޔިތުންނަށް ނަޞޭޙަތްތެރިވެ އިރުޝާދު ދިނުމަކީ އަޅުގަނޑުގެ ވާޖިބެއްކަމުގައި ވާތީ އެވާހަކަ ދަންނަވައިލަނީ. އަޅުގަނޑުމެންނަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭނެ. މަސްވެރިކަން ކުރާމީހުން މިހާރަށްވުރެ ރަނގަޅަށް މަސްވެރިކަން ކުރެވޭތޯ ބަލަމުންގެންދަންވާނެ. ދަނޑުވެރިކަންކުރާ މީހުންވެސް މިހާރަށްވުރެ ރަނގަޅަށް އެކަން ކުރެވޭތޯ ބަލަންވާނެ. އަދި އެމަސައްކަތްތަކުގެ އިތުރަށް ރަށުގައި ތިބެގެން ކުރެވޭ ޒާތުގެ މަސައްކަތްތައް، ޚާއްޞަކޮށް އަންހެނުންކުރާ މަސައްކަތްތަކެއް ހުރޭ. މިރަށުގެ އަންހެނުންވެސް އެމަސައްކަތްތައް ކުރަމުން ގެންދާކަން އަޅުގަނޑަށް އެނގޭ. އެމަސައްކަތްތައްވެސް ވީހާ ރަނގަޅަކަށް ކޮށްގެން އެއިންލިބޭ އެއްޗެއް އިތުރު ކުރެވޭތޯ ބަލަންވާނެ. އެހެންހަދަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެން ނުވާނެފަދައިން، ތަކެތީގެ އަގު ބޮޑުވަމުންދާކަން. މުޅި ދުނިޔޭގައި އެކަން އޮތީ އެހެން. ހަމައެކަނި ރާއްޖެއަކު ނޫން. މުޅި ދުނިޔޭގައިވެސް އެއްދުވަހުން އަނެއްދުވަހަށް ތަކެތީގެ އަގުދަނީ ބޮޑުވަމުން. އަޅުގަނޑުމެންގެ ރާއްޖޭގައި މި ބޭނުންކުރާ ތަކެއްޗަކީ، ހަމަ ގާތްގަނޑަކަށް ހުރިހާ އެއްޗެއްސަކީވެސް ބޭރުން އެތެރެކޮށްގެން ބޭނުންކުރާ ތަކެތި. އެހެންވީމާ، ބޭރުގެ ދުނިޔޭގައި އެތަކެތި ލިބެންހުންނަ އަގު ބޮޑުވަމުންދާ ކަމަށްވަންޏާ އެ ތަކެތީގެ އަގު ރާއްޖޭގައިވެސް ބޮޑުވަމުންދާނެ. އެހެންނަމަވެސް އެއެއްޗެއްސާނުލައި އަޅުގަނޑުމެންނަށް ދިރިއުޅެވޭކަށް ނޯންނާނެ.

އަދި، އަޅުގަނޑުމެން ބޭނުންވަނީ ހަމަމިހާރު، މި ދިރިއުޅެމުންގެންދާ ފެންވަރަށް އަބަދު ދިރިއުޅެމުން ގެންދާކަށެއް ނޫން. އަޅުގަނޑުމެންގެވެސް އުންމީދެއް އޮވޭ. މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި، މިހާރަށްވުރެ މަތީފެންވަރެއްގައި ދިރިއުޅެމުންގެންދަން. އެއީހަމަ ރަނގަޅު އުންމީދެއް. އެންމެންވެސް މަސައްކަތްކުރަނީ ވަރަށް އެކަށީގެންވާ ރަނގަޅު މަޤްޞަދެއްގައި. ކޮންމެ މީހަކުވެސް އަދި ކޮންމެ ޢާއިލާއެއްވެސް ބަލަންވާނީ އެމީހަކު ނުވަތަ އެ ޢާއިލާއެއް އެ ދިރިއުޅެމުންގެންދާ ފެންވަރަށްވުރެ މަތީފެންވަރަކަށް މުސްތަޤުބަލުގައި ގެންދެވޭތޯ. ތަނަވަސްކަން އިތުރު ކުރެވޭތޯ. ގެދޮރު ތަންކޮޅެއް ރަނގަޅަށް ހަދާލެވޭތޯ. ދަރިންނަށް ތަޢުލީމު ދެވޭތޯ. އެހެންގޮސް ތިމާ މި ދުނިޔޭގައި ކުރަން ބޭނުންވާ ކަންތައްތައްވެސް ކުރަމުން ގެންދެވޭތޯ. އެގޮތަށް ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދަން މަސައްކަތްކުރާ ކުރުމުގައި އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާން ނައްތާލައިގެންނުވާނެ، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން. އަޅުގަނޑުމެންނަކީ އެއް ދީނެއްގެ އަހުލުވެރިންކަން. އާދެ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން. އެއީ، އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ އެންމެބޮޑު ނިޢުމަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ނިޢުމަތް. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތް. އެ ހިދާޔަތް ލިބުނުކަމަށްޓަކައި اللّـه سبحـانـه وتعـالىއަށް އަޅުގަނޑުމެން އަބަދުވެސް ޙަމްދާއި ޝުކުރުކުރަންވާނެ.

ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރުން އޮތީ ޢަމަލީގޮތުން. އޭގެ މާނައަކީ، އެކަލާނގެ އަންގަވާފައިވާގޮތަށް އުޅެމުން ގެންދިއުން. ދީނުގައި ކަނޑައަޅުއްވާފައިވާ ފަރުޟުތަކަށް ރައްކާތެރިވުން. ނަމާދު ޤާއިމުކުރުން، ވަގުތުންވަގުތަށް. ރޯދަހިފުން، ޒަކާތްދިނުން، އެމީހެއްގެ ތަނަވަސްކަންހުރި މިންވަރަކުން ނުވަތަ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ތަނަވަސްކަން ލިބިގެންވާ މީހަކުނަމަ ޙައްޖަށްދިއުން. އަދި އެނޫންވެސް ދީނުގައި އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ އަޅުކަންތައްތަކާއި އަދި އެނޫންވެސް ފަރުޟުތައް އަދާކުރަމުން ގެންދިއުން. އަޅުގަނޑުމެންގެ މެދުގައި އަމްނު އަމާންކަމާއި، ޞުލްޙަ މަސްލަޙަތު ދެމެހެއްޓުން. ހަމައެއާއެކު، ދީނުގައި ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބުން. މިސާލަކަށް ވައްކަންކުރުން. ނުވަތަ މާރާމާރީގެ ޢަމަލުތައް ހިންގުން. އެކަކު އަނެކެއްގެ ޙައްޤުތަކަށް އަރައިގަތުން. އެކިއެކި، އަޚުލާޤީގޮތުން ނުރަނގަޅު ކަންތައްތައް ކުރަމުން ގެންދިޔުން. މިބާވަތުގެ ކަންކަމުން ރައްކާތެރިވެ، އެ ކަންތައްތަކުން ދުރުހެލިވުމަކީ، اللّـه سبحـانـه وتعـالى އަށް ޢަމަލީގޮތުން ޝުކުރުކުރުމޭ. ފަރުޟުތަކަށް ރައްކާތެރިވުމާއި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބުން.

ހަމައެއާއެކު، އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާބައެއްކަން ދެނެގަނެ، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުން. ﷲ ވަޙީކުރައްވަނީ، إِنَّمَا الْمُؤْمِنُونَ إِخْوَةٌ. ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އަޚުންގެ މެދުގައި އޮންނަންވާ ގުޅުން. އެއްބަނޑު އެއްބަފާބައެއްގެ މެދުގައި އޮންނަންވާ ގުޅުން. ހަމައެކަކުވެސް އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަނެގެން ނުވާނެ. ހަމައެކަކުވެސް އެހެންމީހަކަށް ދަތިވާގޮތަކަށް ނުވަތަ އުނދަގޫވާގޮތަކަށް ނުވަތަ އެހެން މީހަކަށް ގެއްލުންވާ ގޮތަކަށް ތިމާ އެއްވެސް ޢަމަލެއް ބަހައްޓައިގެން ނުވާނެ. މިއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި އަންގަވާފައިވާ ގޮތަކީ. މިއީ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރުމަކީ. އެހެންވީމާ، އެގޮތުގެމަތިން އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ބަހައްޓަމުން ގެންދަންވާނީ. އާދެ، އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާ ބައެއްކަމުގައިވެގެން ދިރިއުޅުމުގެ ފެންވަރު ތަރައްޤީ ކުރުމަށާއި، އަޅުގަނޑުމެންގެ ރަށް ތަރައްޤީ ކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށްވަންޏާ، ޝައްކެއްނެތް، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ. އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ދައްކަވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ޤަޞްދެއް ނުކުރަން. މިއަދު އަދި ކިނޮޅަސް ފިޔަވައި އެހެން ދެ ރަށަކަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައި. އަނެއްކާ ވަގުތަކީ މެންދުރުގެ ވަރަށް ހޫނުގަދަވެސް ވަގުތެއް. އެހެންވީމާ، ތިޔަބޭފުޅުންނަށްވެސް މިތާނގައި ގިނައިރު ތިއްބަވާކަށް މާފަސޭހަފުޅެއް ނުވާނެ. ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު މަރުޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ރަށުގެ ރައްޔިތުންނާއި ވެރިން އެކުވެގެން، އެކަތިގަނޑަކަށްވެގެން، ރަށް ކުރިޔަށް ގެންދިއުމަށްޓަކައި، އަދި އޭގެފަހުގައި އަތޮޅު ކުރިޔަށް ގެންދިއުމަށްޓަކައި، ވަރުގަދަ ޢަޒުމަކާއެކު މަސައްކަތްކުރައްވަމުން ގެންދެވުމަށް ގޮވައިލަމުން. އަދި އެ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ބަރަކާތްލައްވައި އޭގެ ނަތީޖާ އަވަސް މަގަކުން ކިނޮޅަހަށާއި އަދި ރ.އަތޮޅަށް ދެއްކެވުމަށް އެދި اللّـه سبحـانـه وتعـالى ގެ ޙަޞްރަތަށް ދުޢާކުރަމުން.

والسّلام عليكم ورحمـة اللّـه.