ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވެވި އެމަޖިލީހުގެ 12 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ބިލު“ ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ތަޞްދީޤު ކުރެއްވި ފުރަތަމަ ބިލެވެ. ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.

މިޤާނޫނަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުޞޫލާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާނެ ގޮތާއި، އެއިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައެޅޭނޭ ގޮތް ބަޔާންކުރާ ޤާނޫނެވެ.

މިޤާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ އުޞޫލުގައިވާ ގޮތުން، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުންނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް އެއް މެންބަރަކު ކަނޑައެޅޭނެއެވެ. އިދާރީ ދާއިރާ ކަމުގައި މިޤާނޫނުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ.

މިޤާނޫނުގައި އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކާއި، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓް ޝާއިޢު ކުރުމާބެހޭ މާއްދާތައް ހިމަނުއްވާފައިވެއެވެ.

މިޤާނޫނުގައިވާ ގޮތުން މިޤާނޫނުގެ ދަށުން ހަދާ ގަވާއިދު ހަދައި ހިންގާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިޤާނޫނަށް ޢަމަލުކުރައްވަން ފަށްޓަވާނީ މިއަދުން ފެށިގެންނެވެ.