މީހުން ދިރިއުޅޭ ރަށަކަށް ފާދިއްޕޮޅު "ފެލިވަރު" ބަދަލުކުރައްވައި، ފެލިވަރަކީ އުތުރު ޕްރޮވިންސްގެ އިދާރީ މަރުކަޒަކަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ސަރަޙައްދީ ނިޒާމެއްގެ ދަށުން އިދާރީ މަރުކަޒެއް ޤާއިމުކުރައްވައި އެމަރުކަޒް ހިންގެވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ޑިމޮކްރަސީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށްދެއްވުމާއި، ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ޘަޤާފީގޮތުން މަތިކުރެއްވުމެވެ.

ފާދިއްޕޮޅު ފެލިވަރު މީހުން ދިރިއުޅޭ ރަށަކަށް ބަދަލުކުރައްވައި އުތުރު ޕްރޮވިންސްގެ އިދާރީ މަރުކަޒަކަށް ހަމަޖެއްސެވުމަށް މިނިންމެވީ، ފެލިވަރަކީ އުތުރު ޕްރޮވިންސްގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ވަޒީފާ އަދާކޮށް ދިރިއުޅުމުގެ ގިނަދުވަސްތައް މަސައްކަތުގައި ހޭދަކުރާ ރަށަކަށްވާތީއާއި، ބިމުގެ ގޮތުން މީހުން އާބާދު ކުރުމަށް އެކަށޭނަ ރަށަކަށްވާތީއާއި، މަސައްކަތް ކުރުމުގެ އިޤްތިޞާދީ މާޙައުލެއް އެރަށުގައި ޤާއިމުވެފައި އޮތުމާ އެކުގައެވެ. އަދި އުތުރު ޕްރޮވިންސްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ފެލިވަރަކީ، މުޅި ސަރަޙައްދުގެ އިޤްތިޞާދީ އިޖްތިމާޢީ އަދި ޘަގާފީގޮތުން ބަލާއިރު މުހިންމު ރަށަކަށްވާތީއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހި ސަރުކާރުގެ އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ (އައި.ސީ.ޓީ) ތަރިކައާއި، އައި.ސީ،.ޓީ.އާގުޅޭ އިންސާނީ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރެއްވުމާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އައި.ސީ.ޓީ. ތަރިކައާއި އައި.ސީ.ޓީ.އާ ގުޅޭ އިންސާނީ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުމަކީ، މުހިންމު ކަމެއް ކަމާއި، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުގައި ކޮމްޕިއުޓަރ ވިއުގައާއި އަދި އައި.ސީ.ޓީ.ގެ ތަރިކައިގެ މިންވަރާއި ފެންވަރާއި އަދަދު ބޭނުންކުރެވެމުންދާގޮތް ދެނެގަތުމަކީ، އީ ގަވަރންމަންޓް ތަންފީޒު ކުރުމުގައި އިތުރު ފަހިކަމެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އަދި މުއައްސަސާތަކުގެ އައި.ސީ.ޓީ. އެސެސްމަންޓް ހެއްދެވުމަށާއި، މިދާއިރާގައި އެތަންތަނުން ހިފަހައްޓަންޖެހޭ މިންގަނޑުތައް އެއްގޮތް ކުރެއްވުމަށެވެ. އަދި، އެކަށައެޅޭ ސިސްޓަމް، ސޮފްޓްވެއަރ، އިންޓަރނެޓް ސްޕެސިފިކޭޝަނަށް ބިނާކޮށް ސަރުކާރުގެ އަހަރީ ޕްރޮކިއުމަންޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަގުހެޔޮކޮށް ހޯއްދެވުމަށާއި އަދި ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ތަނެއްގައި "އަޞްލު ސޮފްޓްވެއަރ" ބޭނުން ކުރެއްވުމަށްވެސް ކަނޑައެޅުއްވިއެވެ.

ކޮންމެ އަހަރެއްގެ ޤައުމީ ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ދުވަހަށް ކުރީގެ ސަރުކާރުން ޝިޢާރެއް ކަނޑައަޅުއްވައި ބޭނުންކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވުމާއެކު، މިއަހަރުގެ ޤައުމީ ދުވަހުން ފެށިގެން ޝިޢާރެއް ބޭނުން ކުރެއްވުމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު ނިންމެވީ މިއަހަރުން ފެށިގެން ވަކި ޝިޢާރެއް ކަނޑަނޭޅުއްވުމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރަސްމީ އިދާރާތަކުން މަޢްލޫމާތު ހޯދުމާއި، ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު ހިންގެވުމަށްޓަކައި އިންފޮމޭޝަން އޮފިސަރުން ޢައްޔަނު ކުރެއްވުމާއި، ސަރުކާރުގެ މަޢްލޫމާތު ހާމަކުރެއްވުމުގެ ސިޔާސަތު ހިންގެވުމާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ކޮމިޓީއަކުން މިކަންތައްތައް އިތުރަށް ދިރާސާ ކުރެއްވުމަށް ނިންމަވައި މިކަމަށް ކޮމިޓީއެއް ހޮއްވެވިއެވެ. އަދި ކޮމިޓީން ނިންމަވާ ގޮތެއްގެމަތިން އިންފޮމޭޝަން އޮފިސަރުން ޢައްޔަން ކުރެއްވުމަށާއި، ސަރުކާރުގެ މަޢްލޫމާތު ހާމަކުރެއްވުމުގެ ސިޔާސަތު ހިންގެވުމަށްވެސް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުން ރައީސުލްޖުމްހޫރިއްޔާއާ ކުރައްވަން ބޭނުންފުޅުވާ ސުވާލު ކުރެއްވުމުގެ ފުރްޞަތު ދެއްވާ ގޮތަށް މިހާރު ހަމަޖައްސަވާފައިވުމާއެކު، މިއަދުގެ ޖަލްސާގައިވެސް އެކަމަށް ފުރްޞަތު ހުޅުއްވާލެއްވިއެވެ.