ސެނެހިޔާގެ ނަމުގައި ހިންގާ ސިފައިންގެ ކްލިނިކް، ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާކަމެއް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެނަހިޔާ، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށް، އެތަނުގައި މުޅިން އައު ޞިއްޙީ ޚިދުމަތްތައް ދޭން ފެށޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިފައިންގެ ވެލްފެއާއަށް ކުރެވޭ އެހެން ބައެއް މަސައްކަތްތަކުގެ ތަފްޞީލަށް ވެސް ބައްލަވައިލެއްވިއެވެ. މިގޮތުން ސިފައިންނަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ، އެކަށީގެންވާ ބޯހިޔާވަހިކަން ލިބެން ނެތުންކަން ފާހަގަކުރައްވައި، އެކަން ޙައްލު ކުރުމަށް ހުޅުމާލޭގައި ހަދަމުން ގެންދާ، ސިފްކޯ ހިޔާ ފްލެޓްތަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ އެ ފްލެޓްތައް ނިމި، މިއަހަރުގެ ތެރޭގައި އެތަނުގައި ދިރިއުޅެން ފެށޭވަރުވުންކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ނިސްބަތުން ބަލާއިރު، ސިފައިންގެ ޚިދުމަތްތަކުގެ ތެރެއިން، ކޯސްޓްގާޑަކީ ސިފައިންގެ ވަރަށް މުހިންމު ގުނަވަނެއްކަން ފާހަގަކުރައްވައި، ކޯސްޓްގާޑަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، އުޅަނދުފަހަރު އަޅާނޭ ދާއިމީ ބަނދަރެއް ނެތުމާއި ޑޮކްޔާޑެއް ނެތުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ވަރަށް އަވަހަށް، އެފަދަ ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމުކުރުމަށް، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ވެސް، ލާމަރުކަޒީ ކުރެވިގެން ދާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި މިހާރު ޤާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ކޯސްޓްގާޑާއި ފަޔަރުގެ ޚިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓްޕޯސްޓްތައް ޤާއިމުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށް ވިޔަސް، ސިފައިންނަކީ މަދަނީ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި، މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި، ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމާއި، ކަނޑުމަތީގެ ހާދިސާތަކާއި ޤުދްރަތީ ކާރިސާތަކުގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމުގެ، އެންމެ މުހިންމު ދައުރެއް އަދާކޮށްދެނީ ވެސް ސިފައިންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހި ތާރީޚް ދައްކައިދެނީ، ދިވެހި ޤައުމާ މެދު ދިވެހި ސިފައިންގެ ހިތްތަކުގައިވާ ލޯތްބާއި ވަފާތެރިކަންކަމާ އަދި ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކޮށް ކަށަވަރުކުރުމުގައި، ދިވެހި ސިފައިން ވެފައިވާ އަދި ވަމުން އަންނަ މަތިވެރި ޤުރްބާނީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ މި ރާއްޖެ ދެމިއޮތްހާ ހިނދަކު ބަދަލު ނުވާނެ ޙަޤީޤަތްތަކެއްކަން ފާހަގަކުރައްވައި ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ޙިމާޔަތަށްޓަކައި، ރުކުރުވާލާފައިވާ ސިފައިންގެ ސަފުތަކުގެ ބަދަހިކަމަށް، ދިވެހި ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ހަމައަށް ވެސް، ކުޑަވެސް ލޮޅުމެއް ނާރާ ދެމި އޮންނާނެކަމުގެ ޔަޤީންކަން ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.