މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މިމަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވީ މާފަންނު ހަޒާރީވިލާ އަލްފާޟިލް އަޙްމަދު ފަޔާޒް ޙަސަނެވެ. އަޙްމަދު ފަޔާޒް ޙަސަން މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނާއިބު ކަމުގެ މަގާމުގައެވެ.

މީގެ އިތުރުން، އަރިއަތޮޅު ދެކުނުބުރީ ތިން ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވި ތިން ބޭފުޅުންނަކީ، މަހިބަދޫ ކައުންސިލަރގެ މަގާމަށް މަހިބަދޫ އޯކިޑްމާގޭ އަލްފާޟިލް އަޙްމަދު ޚަލީލާއި، މާމިގިލީ ކައުންސިލަރގެ މަގާމަށް މާމިގިލީ ސަނީސައިޑް އަލްފާޟިލް އަޙްމަދު އިބްރާހީމާއި، ހަންޏާމީދޫ ކައުންސިލަރގެ މަގާމަށް ހަންޏާމީދޫ ޝަބްނަމީގޭ އަލްފާޟިލް އަޙްމަދު ފިރާޤެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަގާމަށްވެސް ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިމަގާމަށް ހަމަޖެއްސެވީ، ފުވައްމުލަކު މާދަޑު އަލްފާޟިލާ ޢާއިޝަތު އީމާން މުޙަންމަދެވެ.