السّلام عليكم ورحمـة اللّـه.

އާދެ، މިރޭގެ މިޖަލްސާއަކީ، ދެންމެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޕްރެޒިޑެންޝަލް އެފެއަރޒް ވަރަށް ސާފުކޮށް އެ ވިދާޅުވެދެއްވި ފަދައިން، ސަރުކާރު ހިންގުމުގެ ދާއިރާއަށް އިޞްލާޙު ގެނައުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގެ ސިލްސިލާގެ ބޮޅެއް. ސަރުކާރު ހިންގުމުގެ ކަންތައް އެއީ، މިހާރު އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް. ސަރުކާރު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. ސަރުކާރުގެ އޮފީސްތައް ގިނަވެ، މުވައްޒަފުން ގިނަވެ، ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން.

އަޅުގަނޑު ރައީސްކަމާ ޙަވާލުވީއިރު، މުވައްޒަފުންގެ ގޮތުގައި ތިބީ ޖުމްލަ ގާތްގަނޑަކަށް ހަތަރުހާސް މީހުން. މިހާރު ސަރުކާރުގެ މުވައްޒަފުންގެ އަދަދު ހަތްހާހުން މައްޗަށް ހިނގައްޖެ. އެހެންވީމާ، ގާތްގަނޑަކަށް ޑަބަލްވެފައޭ ވަނީ. ނުވަތަ ޑަބަލްވާން ކައިރިވެއްޖެއޭވެސް ދެންނެވިދާނެ. ސަރުކާރުގެ އޮފީސްތައް ގިނަވެ، މަސައްކަތްތައް އިތުރުވެ، މުވައްޒަފުން ގިނަވީމާ އަޅުގަނޑުމެން އެ ހިންގުމަށް އިތުރު ހަލުވިކަމެއް ގެނެވޭތޯ ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭނެ. ކުރިއާ އަޅާބަލާއިރު މިހާރު ހުރިހާ ކަންތައްތަކެއްވެސް ގިނަވުމުގެ ސަބަބުން ސަރުކާރު ހިންގުމުގެ އޮފީސްތަކަށްވެސް ވަރަށްގިނަ ދަތިތައް އިޙުސާސް ކުރައްވަން ޖެހިވަޑައިގަންނަވާ. އަދި ސަރުކާރުގެ ޚިދުމަތްތައް ލިބެން ތިބި ޢާންމުންނަށްވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ.

އެހެންވީމާ، މި ސަރުކާރު ހިންގުމަށް ބޭނުންވާ އިޞްލާޙުތައް އޮތީ ދެބަޔަކަށް ބެހިފައި. އޭގެތެރެއިން އެއްބަޔަކީ، މުވައްޒަފުންނާބެހޭ ބައެއް. އެވާހަކަ އެވިދާޅުވީ މުވައްޒަފުންނާބެހޭ ގަވައިދެއް ހެދުން. މުވައްޒަފުން ލެއްވުމާއި، އެމީހުން އެއް މަޤާމުން، އެއަށްވުރެ މަތީ މަޤާމަކަށް ބަދަލުވުމާއި، ވަކިވުމާއި، އެ މީހުންނަށް މުސާރަދޭ އުސޫލާއި، ޗުއްޓީ ލިބޭ އުސޫލާއި، އަދި މިހެންގޮސް، އެ މީހުންނަށް ލިބެންޖެހޭ އެހެނިހެން ޢިނާޔަތްތައް ލިބުމުގެ އުސޫލާއި މިކަންކަމުގެ މައްޗަށް އެކުލެވޭ ގަވާއިދެއް ނުވަތަ ސިވިލް ސަރވިސް ކޯޑެއް އޮތުން އެއީ، ވަރަށް މުހިންމު ކަމަކަށްއޮތީ ވެފައި.

މީގެކުރިން ރާއްޖޭގައި އެއް ގަވާއިދެއްގެ ގޮތުގައި އެހެން އެކުލެވިފައެއްނެތް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭފަދައިން، ރައީސްއޮފީހުގެ ދެންނެވުންތަކެއްގެ ސިފައިގައި އެކިފަހަރު އެކިކަންކަމާބެހޭ ދެންނެވުން ހުންނާނީ ގޮސްފައި. ސަލާމާބެހޭ ދެންނެވުމެއް އޮވެދާނެ، ގަޑިޖެހުމާބެހޭ ދެންނެވުމެއް އޮވެދާނެ. ޗުއްޓީއާބެހޭ ދެންނެވުމެއް އޮވެދާނެ. އެގޮތަށް އެކި ފަހަރުމަތިން އެބަހުރި އެކި ފިޔަވަޅު އެޅިފައި. އެހެންނަމަވެސް، އެހުރިހާ އެއްޗެއް އެއްކޮށް، އެއް ގަވާއިދަކަށްހެދުން، އެއީ، ވަރަށްމުހިންމު ކަމަކަށްވެއްޖެ. ފުށުނާރާގޮތަށް އޮތުމާއި، އަދި މިހާރާ އެކަށީގެންވާ ގޮތަށް، ހުރިހާ ޢިނާޔަތްތަކެއްވެސް މުވައްޒަފުންނަށް ލިބޭގޮތަށް އޮތުމާއި، އެކަންކަމުގެ ބޭނުންތެރިކަން ބޮޑުކަމުން. އެގޮތަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ގަވާއިދު ވަނީ މިހާރު އެވިދާޅުވިފަދައިން ހަދައި ނިމިފައި. ދިވެހިބަހަށް ތަރުޖަމާ ކުރެވެމުންދަނީ. އަދި އެއީ، ބޭރުގެ މާހިރަކު ހެދި އެއްޗަކަށްވާތީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް އެއާ ދޭތެރޭގައި ވިސްނަވައި އެއަށް ގެންނަވަންޖެހޭ، ވަރަށް ގިނަ އިޞްލާޙުތައް ހުންނާނެކަން ކަށަވަރު. އެހެންވީމާ، ތަރުޖަމާކުރުމާއި، އިޞްލާޙުތައް ގެނައުމާއި، އެމަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން މިތިބީ. ހަމަ އެއާއެކުގައި ކުރަންޖެހޭ އެހެން، ވަރަށް ބޮޑު މަސައްކަތެއްވެސް އެބައޮތް. އެއީ، ސަރުކާރުގެ ހިންގުމުގެ ދާއިރާ. އެއަށް ގެންނަންޖެހޭ އިޞްލާޙުތަކެއް، އޯގަނައިޒޭޝަން، ސަރުކާރުގެ އޯގަނައިޒޭޝަން، އެ މިހާރަށްވުރެ ފުރިހަމަކުރުން. މިހާރަށްވުރެ ހަލުވިކޮށް، މިހާރަށްވުރެ ޚަރަދު ކުޑަކޮށް، ސަރުކާރުގެ މަޤްޞަދުތައް ހާސިލުވާނެ އިންތިޒާމުތަކެއް ރޭވުން.

އޯގަނައިޒޭޝަން، މިތާނގައި އަޅުގަނޑު މިބޭނުންކުރަނީ ހަމައެކަނި އޮފީސްތަކުގެ ހިންގުން ރޭވިފައި އޮތްގޮތް، އެއެއްނޫން. އެއާޚިލާފަށް އެއަށްވުރެ މާފުޅާ ދާއިރާއެއްގައި، މާފުޅާ މާނައެއްގައި، އޯގަނައިޒޭޝަން މިބޭނުން ކުރަނީ. އެއީ، ސަރުކާރު ހިންގުމުގެ ކޮންމެ އޮފީހެއްވެސް ހިންގުމުގެ މަޤްޞަދުތަކާއި، އަދި ކޮންމެ ވެރިއަކަށްވެސް، އަދި ކޮންމެ މުވައްޒަފަކަށްވެސް ލިބިފައިވާ އިޚުތިޔާރު، ނުވަތަ ލިބިފައިވާ ބާރު. އެބާރު ތަޢާރުފު ކުރުމަށް. އެއީ، ކިހާވަރެއްގެ ބާރެއްތޯ ސާފުކޮށް ކަނޑައެޅުމާއި، ކޮންމެ އޮފީހެއްގެވެސް އަދާކުރާ މަސައްކަތްތައް ބެހެންވީގޮތް ސާފުކޮށް ކަނޑައެޅިފައި އޮތުމާއި، އަދި އެކިއެކި މުވައްޒަފުންނަށާއި، އެކިއެކި ވެރިންނަށް، އެބޭފުޅުންގެ މަސްއޫލިއްޔަތުތައް ބެހިފައިވާގޮތް ސާފުކޮށްދިނުމާއި، އެއް އޮފީހަކާއި އަނެއް އޮފީހަކާ ދޭތެރޭގައި ގުޅުން އޮންނަންވީ ވަރަކާއި، އެ ގުޅުން ރޭވިފައި އޮންނަންވީ ގޮތެއްވެސް ކަނޑައެޅިފައި އޮތުމާއި، އަދި މުޅި ސަރުކާރު އެއީ، އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުމާއި، މިހުރިހާ ކަމެއްގެ މައްޗަށް އެކުލެވޭ އެއްޗެއް، އޯގަނައިޒޭޝަން، އެ ޢިބާރާތް އެއީ.

އެހެންވީމާ، މި އޯގަނައިޒޭޝަން އެއީ ކޮންއެއްޗެއްތޯ ސަރުކާރުގެ އޮފީސް އޮފީސް ހިންގަވަން ތިއްބެވި ވެރިންނަށް ބަޔާންކޮށް ދިނުމާއި، އެބޭފުޅުންގެ ޚިޔާލުވެސް އެކަމުގައި ހޯދުމަށްޓަކައި، މީގެކުރިން، އަޅުގަނޑު އެދުނު އެދުމެއްގެމަތިން، މިހާރު ދުރުވެ އެ ހުންނެވި މިސްޓަރ ނޯކްރޮސް، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނަށް ސެމިނަރތަކެއް ބާއްވަވައި ދެއްވައިފި. އެސެމިނަރތަކުގައި އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި. އާދެ، ދެން އެސެމިނަރތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާ، ސަރުކާރުގެ ވަރަށް މަތީ ފެންވަރުގެ ބޭފުޅުން އެބަތިއްބެވި. އެއީ، މިތާނގައި މިފަރާތުގައި މިތިއްބެވި ބޭފުޅުން. ވަޒީރުން އަދި ދައުލަތަށް ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން. އެފެންވަރުގެ ބޭފުޅުން އެސެމިނަރތަކުގައި ބައިވެރިވެވަޑައެއްނުގަންނަވާ. އެހެން އެކަން އޮތުމާއެކުގައި މި ސެމިނަރތަކުގެ ފައިދާ އަޅުގަނޑު ހިތުން، ސަރުކާރު ހިންގަވާ ހުރިހާ އޮފީސްތަކުގެ ވެރިންނަށްވެސް ވަރަށް ބޮޑަށް އިޙުސާސް ކުރެއްވުނު. އެހެންވީމާ، އެސެމިނަރތަކުގައި މިސްޓަރ ނޯކްރޮސް އެ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވި އޯގަނައިޒޭޝަންގެ އުސޫލުތަކާއި، އަދި އެއާބެހިގެން ސެމިނަރގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ކުރެއްވި މަސައްކަތް އެއީ، މިހާރު ސަރުކާރު ހިންގުމުގެ ދައިރާއާ ކުރިމަތިވެފައިވާ ދަތިތައް ހޯދައި، އެ ދަތިތަކުގެ ސަބަބުތަކަކީ ކޮބައިތޯ ބަލައި ހެދުން. އެބޭފުޅުން ވަރަށް ޝައުޤުވެރިކަމާއެކު އެ މަސައްކަތް ކުރެއްވި. ވަރަށްގިނަ، މިހާރު ހުންނަ ދަތިތައް. އެބޭފުޅުން އެއީ ކޮން ދަތިތަކެއްތޯ ކިޔައިދެއްވާފައިވެސް އެބަހުރި، މި ސެމިނަރތަކުގައި.

އެހެންވީމާ، އެކަންވެސް ކޮންމެވެސް ވަރަކަށް ބަޔާންކޮށްދެއްވައި، އަނެއްކާ އެ ދަތިތައް ފިލުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް، އެއީވެސް ކަނޑައަޅަންޖެހޭ ފިޔަވަޅުތަކެއް. އެހެންވީމާ، އެކަންކަމުގެ މައްޗަށް އެކުލެވޭ ޚުލާޞާއެއް، އަޅުގަނޑުމެން އެންމެން މިތާ ތިބެގެން އަޅުގަނޑުމެންނަށް ދެއްވުމަށް، އަޅުގަނޑު މިސްޓަރ ނޯކްރޮސް އަށް ނަންގަތީ. އެހެންވީމާ، އެގޮތުން ބޭއްވޭ ޖަލްސާތަކެއް މިއީ. މިރޭ މިއީ، މިގޮތަށް ބޭއްވޭ ފުރަތަމަ ޖަލްސާ. މި ޖަލްސާގައި މިސްޓަރ ނޯކްރޮސް އަޅުގަނޑުމެންނަށް ކިޔައިދެއްވާނީ، އެހެންވީމާ، އޭގެކުރިން ސެމިނަރތަކުގައި، އެ ހިނގައިދިޔަ ކަންތައްތައް، އޭނާ އެ ބަޔާންކޮއްދެއްވި އުސޫލުތަކާއި އަދި އެ ސެމިނަރތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފާޅުކުރެއްވި ޚިޔާލުތަކާއި، މިހާރުހުރީ ކޮން ދަތިތަކެއްތޯ، އެބޭފުޅުން އަމިއްލަފުޅަށް ވަޒަންކުރައްވައި، އެ ފާޅުކުރެއްވި ޚިޔާލުތައް. އަދި އެއާ ގުޅިގެން އަޅުގަނޑުމެން އެ އުސޫލުތަކަކަށް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހޭ އުސޫލުތައް ބަޔާންކޮށްދެއްވުމަށް. މިކަންކަމުގެ މައްޗަށް އެކުލެވޭ ޚުލާޞާއެއް ދެއްވަން މިސްޓަރ ނޯކްރޮސް ދުރުވެ އެ އިންނެވީ. މިރޭ އޭގެ ފުރަތަމަބައި ކުރިއަށް ގެންދަވަނީ.

ދެން މި ފުރުޞަތުގައި އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އެއްޗަކީ އަޅުގަނޑުމެން މިތިބީ ހަމައެކަނި ފެށުމެއްގައޭ. މިއީ، ސަރުކާރު ހިންގުމުގެ ދާއިރާ، އޯގަނައިޒޭޝަންއަށް ގެންނަން ފެންނަ އިޞްލާޙުތައް ގެނައުމުގެ އެންމެ ފުރަތަމަ ފިޔަވަޅު އަޅުގަނޑުމެންނަށް އަދި މިއެޅެނީ. އެހެންވީމާ، މިފިޔަވަޅުގެ ފަހުން އެތަކެއް ފިޔަވަޅުތަކެއް އެޅެން އެބަޖެހޭ. އޭގެތެރެއިން އެއް ފިޔަވަޅަކީ، ކޮންމެ ބޭފުޅަކުވެސް މިތާ މިތިއްބެވި، އޮފީސް އޮފީހުގެ ވެރިންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް މިދެތިން ރޭ އޮންނަ ޖަލްސާތަކަށް ހާޒިރުވެ ވަޑައިގަތުމަށްފަހު އެބޭފުޅެއްގެ އޮފީހަށް ވަޑައިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ބައެއް ކަންތައްތައް ކޮށްދެއްވަން އެބަޖެހޭ. އޭގެ ތެރެއިން އެއްކަމަކީ، ކޮންމެ ބޭފުޅަކުވެސް އެ ހިންގަވާ ދާއިރާ ހިންގުމަށް ގެންނަށް ފެނިވަޑައިގަންނަވާ އިޞްލާޙުތައް ލިޔުއްވައިފައި ރިޕޯޓެއްގެ ސިފައިގައި އަޅުގަނޑަށް ފޮނުއްވައި ދެއްވަންވީ. އެ ރިޕޯޓާ އެކުގައި، މިހާރު އެ އޮފީހެއް ހިންގުމަށް ހަމަޖެހިފައިވާގޮތް، އޮފީހުގެ އޯގަނައިޒޭޝަނަލް ޗާޓެއްވެސް އޮންނަންވާނެ. އަނެއްކާ އެކިއެކި މުވައްޒަފުންނާ ހަވާލު ކުރެވިފައި ހުންނަ މަސްއޫލިއްޔަތުތަކާއި ވާޖިބުތައްވެސް އެނގެން އޮންނަންވާނެ. މި ރިޕޯޓް ތިރީސްދުވަހުގެ ތެރޭގައި ފޮނުއްވައި ދެއްވުމަކީ، ވަރަށް ބޮޑަށް އަޅުގަނޑު އެދޭކަމެއް.

ހަމަ އެއާ އެކުގައި މިހާރު އެ ހިންގަވަމުން ގެންދަވާ ކަންތައްތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި، އޭގެ މާނައަކީ މިހާރަށްވުރެ ހަލުވިކޮށް، މިހާރަށްވުރެ ހަރަދު ކުޑަކޮށް، މިހާރަށްވުރެ އޭގެ އުފެއްދުންތެރިކަން ބޮޑަށް ފެންނާނެ ގޮތަކަށް، އެ ހިންގެވުމަށް އެ ގެންނަވަން ފެނިވަޑައިގަންނަވާ އިޞްލާޙުތައްވެސް، ޚިޔާލުފުޅުތައްވެސް ތިރީސްދުވަހުގެ ތެރޭގައި އަޅުގަނޑަށް ފޮނުއްވައިދެއްވަންވީ. އެހެން ފޮނުއްވާއިރު ހުރެދާނެ، ބައެއް އޮފީސް އޮފީހުގެ މަސައްކަތްތައް ހުންނަގޮތުން، އެހެން އޮފީސް އޮފީހުގެ މަސައްކަތާ ގުޅޭ ނުވަތަ ހިސާބަކަށްނަމަވެސް ފުށުއަރާގޮތަށް ހުންނަ ކަންތައްތައް. އެހެންވީމާ، އެކަހަލަ ކަންތައްތައްވެސް ބަޔާންކުރައްވައި އަދި އެއް އޮފީހަކާއި އަނެއް އޮފީހަކާ ދޭތެރޭގައި އޮންނަގުޅުން ރަނގަޅުވެ، ދެފަރާތުގެ އެހީ ފުރިހަމައަށް ލިބިގެން އަވަސްގޮތެއްގައި އެ އާންމުންނަށް ބޭނުންވާ ޚިދުމަތްތައް ލިބިދިނުމަށް އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް، މިހުރިހާ ގޮތެއްގެ މައްޗަށް އެކުލެވޭ ރިޕޯޓެއް ކޮންމެ ބޭފުޅަކުވެސް ތިރީސް ދުވަހުގެ ތެރޭގައި ފޮނުއްވައިދެއްވުން އަޅުގަނޑު އެދެން. އެއީ، ހަމަ މިތާ މިތިއްބެވި ބޭފުޅުންވެސް އެކަން ކޮށްދެއްވުން އެދެން.

މިނިސްޓަރުންވެސް، މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނާއިބުންނާއި، ޑިރެކްޓަރުންނާއި، ދެންވެސް އޮފީސް އޮފީހުގެ ވެރިންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުން. ތިޔަބޭފުޅުން އެގޮތުން ފޮނުއްވާ ޚިޔާލުތަކަށް ވަރަށް މަތީ އަހަންމިއްޔަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޭނަން. އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އަދި އެޚިޔާލު ފާޅުކުރައްވާއިރު ހަމަ ފުރިހަމަ މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެއްވުން އެދެން. އެ ފާޅުކުރައްވާ ޚިޔާލުތަކުގައި ތަފާތު ޚިޔާލު ހުންނާނެކަން އަޅުގަނޑަށް އެނގޭ. އެއީ، ޠަބީޢީކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ކަމެއްގައިވެސް ހުންނާނެ. ކޮންމެ ބައެއްގެ ތެރޭގައިވެސް އެތަފާތު ޚިޔާލު އުޅޭނެ. އެހެންވީމާ، އެއީކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫން. ތަފާތު ޚިޔާލު ހުރުމުންވެސް އެއިން ފައިދާއެއް ލިބިދާނެ. އެހެންވީމާ، ކޮންމެ ބޭފުޅަކުވެސް ފިސާރި އިޚުލާޞްތެރިކަމާއި، ތެދުވެރިކަމާއެކު އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތެއް ހުށަހެޅުއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދެން މި ޖަލްސާތަކުގެ އެންމެ ފަހު ޖަލްސާގައި، އަޅުގަނޑު ހިތުން ރޭވިފައި މިއޮތީ ތިންރޭ މަތިން މި ޖަލްސާ ކުރާގޮތަށް. ފަހު ޖަލްސާގައި މިސްޓަރ ނޯކްރޮސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްދެއްވާނެ، މިހާރު އެ ސެމިނާރުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން އެފާހަގަކުރެއްވި ދަތިތައް. އެ ދަތިތަކާ ބެހޭގޮތުން ޚާއްޞަ ސަމާލުކަމެއް ދޭންވީ އުސޫލުތަކަކީ ކޮބައިކަން، އެ އުޞޫލުތައް ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެންނަށް ހާމަކޮށް ދެއްވޭތޯ، އޭނާ މަސައްކަތް ކުރައްވާނެ. އާދެ، މިރޭގެ ބޮޑުބައި އަދާކުރެއްވުން އޮތީ އޭނާ. އެހެންވީމާ، މި ހިސާބުން އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ. އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކުރަން، މިކަމުގައި ސަރުކާރު ހިންގަވާ ހުރިހާ އޮފީސް އޮފީހުގެ ވެރިންގެވެސް ފުރިހަމަ އެއްބާރުލެއްވުމާއި ފުރިހަމަ ތަރުޙީބު ލިބޭނެކަމަށް.

السّلام عليكم ورحمـة اللّـه.