ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން މެދުއުތުރު ސަރަޙައްދަށް ޚާއްޞަ ކުރައްވައިގެން އަރިއަތޮޅު ދެކުނުބުރީގައި ބާއްވަވާ މަސައްކަތު ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު މަހިބަދޫގައި ބޭއްވެވި ޖަލްސާގައި، މި ބައްދަލުވުން އިފްތިތާޙް ކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީ އުސޫލުން ހިންގެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، ހަތް ސަރަޙައްދެއް އެކުލަވާލައިގެން އިދާރީ ހިންގުމާއި ތަރައްޤީގެ އެންމެހާ ކަންކަން ގެންދިޔުމުގެ ވިސްނުން ރާއްޖޭގެ ރައްޔިތުންވަނީ ބަލައިގެންފައި ކަމަށް ވިދާޅުވިއެވެ. އަދި މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިމިވާ މަސައްކަތަކީ، އިތުރު ތަފްޞީލުތައް ހިމަނައިގެން އެމަންޒަރު ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެދުއުތުރު ސަރަޙައްދު ތަރައްޤީވަމުން އަންނާނެ ގޮތް މި މަސައްކަތު ބައްދަލުވުމުން ސިފަކުރެއްވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި ކަމަށްވާއިރު، އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށާ ހިސާބުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ނުނެރެވާކަށް ނެތްކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށުގެ ފަޅާއި، ގޯތިގެދޮރުގެ މައްސަލަތަކާއި އަދި އެހެން ކިތަންމެ މައްސަލަތަކެއްވެސް، އެހުރި ހިސާބެއްގައި ބަހައްޓާހާ ހިނދަކު، އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.