ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަސްދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ރަސްދޫ ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބޭރު ތޮށިލުމުގެ މަޝްރޫޢުގެ މަސައްކަތް ތިން މަރުޙަލާއަކަށް މިހާރު ބަހާލާފައިވާތީ އެ މަޝްރޫޢުގެ މަސައްކަތް އެއް މަރުޙަލާއަކުން ނިމޭނެގޮތެއް ހައްދަވައިދެއްވުމަށާއި، ރަސްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ރަސްދޫގެ ބިމުގެ ދަތިކަމާއި، ބަނދަރުގެ ދަތިކަން އަދި ހޮސްޕިޓަލު ތަރައްޤީކުރުމުގެ އިތުރުން ފެރީ ގިމަތައެއް ތަރައްޤީކުރުމާއި ބެހޭގޮތުން ކައުންސިލުގެ މެންބަރުންގެ ވާހަކައިގައި އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަސްދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.