މާމިގިލީ ބަނދަރު ބައިނަލްއަޤްވާމީ ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް މިއަދު ހަވިރު އެމަނިކުފާނު ޒިޔާރަތް ކުރައްވައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވިޔަފާރީގެ އުޞޫލުން އެބަނދަރު ބޭނުންކުރެއްވުމަކީ ދާދި އަވަހަށް ކުރެއްވިދާނެ ކަމެއް ކަމަށާއި ވިޔަފާރީގެ އުޞޫލުން ބަނދަރު ހިންގާނެ ބަޔަކު ހޯއްދެވުމަށް އިޢުލާނު ކުރައްވައި، އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެއްބަސްވެވޭ އުޞޫލަކުން ބަނދަރު ހިންގާނެ ބަޔަކާ ބަނދަރު ޙަވާލުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ސަރަޙައްދުން އެކިބާވަތުގެ ވިޔަފާރިއާއި އެކިއެކި އިންވެސްޓްމަންޓްތައް ގެންދެވޭނެގޮތް ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މާމިގިލީގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށާއި، އަދި މާމިގިލީގައި ފްލެޓް ހެދުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި 5 އަހަރުގެ ތެރޭގައި މާމިގިލީ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމުގައި މާމިގިލީ ރައްޔިތުން ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަށްޓަކައި މާމިގިލީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި އެރަށުގެ ވަރުގަދަ ޝަޚްސިއްޔަތެއް ކަމުގައިވާ އަލްފާޟިލް ޤާސިމް އިބްރާހީމް މިރޮނގުން ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާމިގިއްޔަށް މިކުރެއްވި ދަތުރުފުޅުގައި މާމިގިލީ ޞިއްޙީ މަރުކަޒަށާއި އަތޮޅު މަދަރުސާއަށް ވަޑައިގެން އެ ދެތަން ހިނގަމުންދާގޮތް ބައްލަވައިލެއްވިއެވެ.