ސަރުކާރުން މަސައްކަތް ކުރައްވަމުން މިގެންދަވަނީ ރާއްޖޭގެ ރައްޔިތުން ރާއްޖޭގެ ވެރިކަމަށް މިގެންނެވި ބަދަލު ތަންފީޒު ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ ދެލިކޮޕީއާ ބެހޭގޮތުން މަޢްލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ލާމަރުކަޒީ އުޞޫލުން ކަންކަން ނުކޮށް ފަހަތަށް ޖެހެވޭނެ އެއްވެސް ޖާގައެއް ސަރުކާރަށް މިއަދަކު ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމުގެ ކުރިން މިބައްދަލުވުމުގައި، ލޯކަލް ގަވަރންމަންޓް ވެބްސައިޓް އެމަނިކުފާނު އިފްތިތާޙް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2004ވަނަ އަހަރާއި 2008ވަނަ އަހަރާ ދެމެދު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީ އަދި ބަދަލެއްގެ ރޫޙަށް މުޅި ޤައުމު އަނބުރާލުމަށް ބަޔަކަށް ފުރުޞަތު ފަހިވެގެންދިޔަ އެންމެބޮޑު ސަބަބަކީ، ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ އަސާސީ ޚިދްމަތްތައް ލިބިފައިނެތުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަންކަން އެހެން ގޮތަކަށް އެނބުރިގެން ނޫނީ ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ނުވާނެކަން މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އެނގިގެން ދިޔަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމަށް ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިހާރު 7 ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރުން ޢައްޔަނު ކުރައްވާފައިވުމާއެކު، އެޓޮލްސް މިނިސްޓްރީ ހިނގަމުންދިޔަ ޢިމާރާތުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި، އެ ޢިމާރާތް ބަންދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މެއިމަހު އެބިލްޑިންގ ބަންދުކުރައްވައި އެބިން އެހެން ބޭނުމަކަށް ބޭނުން ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާ ބެހޭގޮތުން މިބައްދަލުވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިރެއަކީ، ރާއްޖޭގެ ވެރިކަމުގެ އުޞޫލުތައް އިޞްލާޙްކޮށް، ރައްޔިތުންނަށް ވެރިކަން ޙާޞިލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ވަރަށް މުހިންމު މަރުޙަލާއަކާ ހަމައަށް އާދެވުނު ރެއެއް ކަމުގައި ވިދާޅުވިއެވެ. މިމަސައްކަތް މިހާހިސާބަށް ގެނެވިފައިމިވަނީ ގިނަދުވަސްތަކެއްގެ ވިސްނުމާއި މަސައްކަތުންކަން ބަޔާންކުރައްވަމުން، އެމް.ޑީ.ޕީ. ގުޅީފައިވާ އިއްތިޙާދު، ރާއްޖޭގެ ސަރުކާރާ ހަވާލުވުމާ ޖެހެންދެން، މިކަން އޮތީ ސިޔާސީ ސާބިތުކަމެއްނެތް ކަމެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގަން ފަށާއިރު ދިމާވާ ދަތިތަކެއް ހުންނާނެކަންވެސް ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ ދެލިކޮޕީއާބެހޭ މަޢްލޫމާތު ދެއްވީ އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. މިދެލިކޮޕީއަށް ވީހާގިނަބޭފުޅުން ޚިޔާލު ހުށަހެޅުއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުން ތަޢާރުފް ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު މުޖުތަބާއެވެ.