މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ޚާއްޞަ ކުރައްވާފައިވާ ރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އިއުލާނު ކޮށްދެއްވައި، ރަށުގެ ކޮންސެޕްޓް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ނޭޝަނަލް އާޓް ގެލެރީގައެވެ.

މާލޭ ސަރަހައްދުގައި ދަތުރު ދިއުމަށް ޚާއްޞަ ކުރައްވާފައިވަނީ، މާލެއިން ފުރައިގެން 15 މިނިޓުން ދެވޭހާ ކައިރީގައިވާ އެނބޫދޫ ފަޅުގައި ތަރައްޤީ ކުރާ ރަށެކެވެ. މި ރަށަކީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސިންގހާ އެސްޓޭޓުން އެބޫދޫ ފަޅުގައި ތަރައްޤީކުރާ ކްރޮސް ރޯޑްސް ޕްރޮޖެކްޓްގައި ހިމެނޭ ބައެކެވެ. ސަރުކާރާ ގުޅިގެން ސިންގހާ އެސްޓޭޓުން މި "ޕިކްނިކް އައިލެންޑް" ތަރައްޤީ ކުރާނީ، ކުޅިވަރު ކުޅުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށާއި، އަދި ކުޑަކުދީންނަށް ޚާއްޞަކުރެވިފައިވާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދެއްވުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މާލޭގެ ވަކި މަގުތަކެއް ހުކުރު ދުވަހުގެ ހެނދުނު ބަންދުކޮށް، ޢާއިލާ އާއި ކުޑަކުދީންނަށް ޖަޒީރާ ދިރިއުޅުމެއްގެ ފުރުސަތު ފަހި ކޮށްދެއްވުމަކީ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސަރުކާރުގެ މި ސިޔާސަތުގެ ދަށުން، މާލޭގައި ހުސް ޖާގަ އިތުރުކޮށް، އާންމުންގެ ބޭނުމަށް ބިންކޮޅެއް ހަމަޖެއްސެން އޮތްނަމަ، އެތަންތަން ޕާކްތަކަށް ބަދަލުކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ރަށު ބަންދުން ވީއްލި، ހިތްއުފާކޮށްލަން ދާނެ ތަނެއް ހަމަޖައްސައިދެއްވުމަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެނބޫދޫ ފަޅުގައި ތަރައްޤީކުރާ ރަށްތަކުގެ ތެރެއިން، ދަތުރު ދިޔުމަށްޓަކައި ވަކި ތަނެއް ހަމަޖެއްސުމަށް ސިންގހާ އެސްޓޭޓްއާއެކު ސަރުކާރުން އެއްބަސްވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އަހަރު ނިމެންވާއިރަށް، އެ ރަށަށް ދަތުރު ދިއުމުގެ ފުރުސަތު ހުޅުވައިލެއްވޭތޯ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގެ ސަބަބުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު އެކި ގޮތްގޮތުން ކުރިމަތިވެފައިވާ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ރަށެއް ޚާއްޞަ ކޮށްދެއްވުމަކީ، ރާއްޖޭގައި އިޖުތިމާއީ ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދެކެވެ.