ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވެވި އެމަޖިލީހުގެ 13 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ މިރޭ ތަޞްދީޤު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަކީ، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި އަދި އެއިންތިޚާބުގެ އެންމެހައި އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކޮށްފައިވާ ޤާނޫނެވެ.

މިޤާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާނު ކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންގެ ނަން އިޢުލާނު ކުރުމާއި، ބާޠިލް ވޯޓާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވޭ ގޮތާއި، ވޯޓުގެ ސިއްރުކަން ޔަޤީން ކުރުމާބެހޭ މާއްދާތައް ހިމަނުއްވާފައިވެއެވެ.