ޤާނޫނު ނަންބަރު 2009/2 "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު"އަށް އިޞްލާޙް ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިއީ، އިންތިޚާބުގެ ޤާނޫނުގެ 20ވަނަ މާއްދާގެ (ހ) އިޞްލާޙް ކުރެއްވުމަށްޓަކައި ހުށަހެޅުއްވި ބިލެކެވެ.

މިބިލު ސަރުކާރުން މިހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 20ވަނަ މާއްދާގެ (ހ) އަށް ބައްލަވާއިރު، ވަކި ވޯޓު ފޮށްޓަކަށް ވޯޓުލާން ޖެހުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތެއް މެދުވެރިވާ ޙާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަޤީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް އެ މާއްދާއިން ލިބިދީފައިވީ ނަމަވެސް، އެ ޙާލަތްތަކުގައިވެސް ވޯޓު ގުނައި، ޢަދަދުކޮށް ނަތީޖާ ހޯދައި، ނަތީޖާ އިޢުލާންކުރަންވާނީ އެ ވޯޓުލާ މަރުކަޒެއްގައި ކަމަށް އެމާއްދާގައި ބުނެފައިވީނަމަވެސް، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 79ވަނަ މާއްދާގެ (ހ) ގައި ވޯޓުލާ މަރުކަޒަކީ، އެ އިންތިޚާބެއްގައި ވޯޓުލުން ބާއްވާ ކޮންމެ ސަރަޙައްދެއްގައި ވޯޓުލުމުގެ ކަންތައް ހިންގުމަށް ކަނޑައަޅާފައިވާ ތަންކަމަށް ބުނެފައިވުމުން، އެ މަރުކަޒެއްގައި ވަކި އިންތިޚާބީ ދާއިރާއަކަށް ވޯޓުދިނުމަށް ހުރީ އެންމެ މީހެއްނަމަ، އެ ވޯޓުލާ މަރުކަޒެއްގައި ވޯޓު ގުނައި ޢަދަދުކޮށް ނަތީޖާ ހޯދައި، ނަތީޖާ އިޢުލާނުކުރާ ގޮތަށް އޮތުމުން ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު)ގެ 20ވަނަ މާއްދާގެ މަޤްޞަދު ޙާޞިލުވާނެ ކަމަށް ފެނިވަޑައިނުގަންނަވާތީއާއި މިދެންނެވި ފަދައިން ދިމާވާ ޙާލަތުގައި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ސިއްރު ވޯޓު ދިނުމުގެ ޙައްޤު ގެއްލުމުގެ ފުރުޞަތު އޮތްކަމަށް ފެނިވަޑައިގަންނަވާތީއެވެ.

އެހެންކަމުން، މި އިޞްލާޙަކީ، ވަކި ވޯޓު ފޮށްޓަކަށް ވޯޓުލާން ޖެހުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތެއް މެދުވެރިވާ ޙާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަޤީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދެއްވުމަށް ހުށަހެޅުއްވި އިޞްލާޙެކެވެ.

އިލެކްޝަންސް ކޮމިޝަނުންވެސް މިކަންވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.