ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެމަގާމަށް އައްޔަނު ކުރެއްވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ ކުރިފުޅުމަތީގައި، އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރެއްވިއެވެ.

އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް މިއަދާ ހަމައަށްވެސް ހުންނެވީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައެވެ. އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިއަދަށެވެ.