ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޯމުގެ މޭޔަރ ޑޮކްޓަރ ގިޔާނީ އެލެމާނޯއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު އިޓަލީއަށް މިކުރައްވާ ދަތުރުފުޅަކީ، ރާއްޖެއަށް އެކިދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯއްދެވުމަށާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި އިޓަލީވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަރަށްބޮޑު ޙިއްޞާއެއްވެދޭ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިޓަލީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިޒް ސްޓެފާނިއާ ކްރެޒީއާވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައިވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މިގުޅުން އިތުރަށް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިދަތުރުފުޅުގައި، އިޓަލީ ސަރުކާރުގެ އިސް ބައެއް އެހެން ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ.

އިޓަލީވިލާތުގެ ކުޅިވަރު ޚަބަރު ގެނެސްދޭ ނޫހެއް ކަމަށްވާ ކޮރިއޭ ޑެލޯރ ސްޕޯޓްސްގެ އެންމެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން، ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަށް ދިޔުމަކީވެސް ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އިޓަލީވިލާތާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިޓަލީވިލާތުގެ ޙިއްޞާ ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ބައެއް ރިޒޯޓުތަކަކީ އިޓަލީވިލާތުގެ ފަތުރުވެރިންގެ ޝައުޤުވެރިކަމަށް އަމާޒުކޮށްގެން ބިނާކުރެވިފައިވާ ރިޒޯޓުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިޓަލީގެ ޓީ.ވީ ޗެނަލެއް ކަމަށްވާ ރާއީއަށް އިއްޔެ ބަސްދީގަތުމެއް ދެއްވިއެވެ. މި ބަސްދީގަތުމުގައި، ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމު ކުރައްވައި ދެމެހެއްޓެވުމަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

އިޓަލީވިލާތަކީ ރާއްޖެއަށް ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެއްކަން ބަޔާންކުރައްވަމުން، ދިވެހިރާއްޖެއަކީ އިޓަލީވިލާތުގެ ކޮންމެ ފަތުރުވެރިއަކަށްވެސް ފަސޭހައިން ދަތުރުކުރެވޭފަދަ މަންޒިލަކަށްވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އަގުތައް މަތިކުރެއްވުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ބަސްދީގަތުމުގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓެކްސް ނެގުން ޒަމާނީ އުޞޫލުތަކާ އެއްގޮތަށް ބަދަލުކުރެއްވުމަށް ސަރުކާރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަންވެސް ހާމަކުރެއްވިއެވެ.

އިޓަލީގެ ޖަރ އެންޓަރޓެއިންމަންޓް ލިމިޓެޑުގެ މިޔުޒިކް އެގްޒެކެޓިވް ޑިރެކްޓަރ މިސްޓަރ އެންޓޯނިއޯ ރޮބިންސަނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.