ޕޯޗުގަލްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ކަރލޮސް ޖޯސް ޑެ ޕިންހޯ ޕެރޭރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ޕޯޗުގަލް އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޚަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޯޗުގަލްގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޕޯޗުގަލްއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ދެބޭފުޅުން ވަނީ ޤަރުނުތަކެއް ކުރިން ދެޤައުމުގެ ދެމެދުގައި ހިނގާފާވާ ތާރީޚީ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވޭތުވެދިޔަ ތަނަށްވުރެ ކުރިޔަށް އޮތްތާގައި ވާން ހުރިކަންތައްތަކަށް މުހިންމުކަން ދިނުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ޕޯޗުގަލް އާ ދެޤައުމުން ގުޅުން އާ ފެށުމަކުން ފެށުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެޤައުމުގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުންބަދަހިކުރެއްވުމާއި، އިޤްތިޞާދީ ގޮތުންނާއި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމުގެ ރޮނގުން ގުޅުން ބަދަހިކުރެއްވުމާ ބޭހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޕޯޗުގަލްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރަން ލިބުމަކީ ފަހުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.