ނޯވޭގެ ސްޓޭޓް ސެކްރެޓަރީ ހަރ އެކްސެލެންސީ މިސް މެރިއަން ހޭގަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނޯވޭ ސަރުކާރުގެ ފަރާތުން އެކި ޤައުމުތަކުގެ އިޖްތިމާޢީ ކުރިއެރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި، ޑިމޮކްރަސީއާ ބޭހޭގޮތުން ވަނީ ދެބޭފުޅުން މަޝްވަރާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ދަނީ އެދެވޭ ބަދަލުތަކެއް އަންނަމުންކަން ފާހަގަކުރައްވައި، މިގެނެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ފަހި މުސްތަޤުބަލެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަން ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދުގެ ސަރުކާރުން ބާރުއަޅަނީ ކައުންސިލްތައް ބާރުވެރިކުރުވައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުއިކުރެއްވުމަށް ކަމަށާއި، ޚާއްޞަކޮށް އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ބާރުއަޅުއްވާކަން ފާހަގަކުރެއްވިއެވެ.