ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ކާށިދުއަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

ކާށިދޫ ރަށު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރަށުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮޅުންފިލުއްވިއެވެ. އަދި ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ބެއްލެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކާށިދޫ ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް އަސާސީ ޚިދުމަތްތައް އަދިވެސް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާ ކުރެއްވިއެވެ. އަދި ސްކޫލާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ފާހަގަ ކުރައްވައި، ރަށުގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލު ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ބާރު ދުވެއްޔެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލުން އިސްނަގައިގެން ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.