ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށުގެ އިޤްތިޞާދީ ނަފާ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، މި އަހަރުގެ އޮގަސްޓު 26 އިން 28 އަށް ބްރެޑްފޯރޑް ޔުނިވަރސިޓީގެ ފަރާތުން އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރަންސް ބޭއްވުމަށްޓަކައި ރަށުގައި ވަމުންދާ ތައްޔާރީތަކާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުކުޅަހުގެ ތަރައްޤީގައި އެރަށު ކައުންސިލުން ވަމުންދާ ހިއްސާ ފާހަގަ ކުރައްވައި، ރަށް ކުރިއެރުވުމުގައި މިހާރަށްވުރެވެސް ބޮޑަށް އިސްނަގައިގެން މަސައްކަތް ކުރެއްވުމަށް އުކުޅަހު ކައުންސިލަށް ހިތްވަރު ދެއްވިއެވެ.