މި ޤައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ، އިހްސާންތެރިވުމާ، ކަމޭހިތުމާ، އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަޚްލާގަށް ބޭނުންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ އިފްތިތާޙު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ދަރުބާރުގޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މަހާސިންތާގެ ހުރިހާ ބައިވެރިންގެ ކިބައިން ދަރިވަރުން ގައިގާ ރިވެތި "ސިފަ” އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއްދީގެން މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއަަށް ބޭނުންވެފައިވާ މައުނަވީ ބަދަލު ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާނީ އެބޭފުޅުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަރިވަރުންނަށް ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައިފައެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ދަރިވަރުންނަށް އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮަތްތަކުގެ މައްޗަށް އަޅިއަޅުއްވައި ލައްވައިފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ މަހާސިންތާގެ އެންމެހައި ބައިވެރިންގެ ކިބައިން އެބޭފުޅުންގެ މަސައްކަތްތައް އިޚްލާޞްތެރިކަމާ ހެޔޮނިޔަތާއެކު ކުރައްވައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ޤައުމީ މަންހަޖު އިސްލާހުކުރުމަށް މިފަދަ މަހާސިންތާއެއް ބޭއްެވެވުމަކީ ރައީސުލްޖުމްހޫރިއްޔެ ވަޢުދުފުޅެކެވެ.