ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި، ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައި ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރު ރަށު ކައުންސިލްގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އިޖުތިމާއީ ރޮނގުންނާއި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ތައުލީމީ ޖީލުތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުން ފަހި ކޮށްދެއްވަމުން ގެންދަވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ރަށުގެ ރައްޔިތުންނަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. އަދި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގޮވައިލެއްވިއެވެ. މިގޮތުން، ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ޒިންމާދާރު ކަމާއިއެކު ފިޔަވަޅު އަޅާފައި ބެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގާފަރު ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އާންމުން ކަންބޮޑުވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާ ކުރެއްވިއެވެ. އަދި ރަށުގެ ކުރިއެރުމަށް ކައުންސިލުން ރާވާފައިވާ ކަންކަމުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ދެއްވިއެވެ.