އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖަށް ޝުކުރުއަދާކުރައްވައި ރައީސް އޮބާމާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސް އޮބާމާގެ މެސެޖުގައި، ދުނިޔެއަކީ މިހާރަށްވުރެ ސަލާމަތްކަމާއި އަމާންކަން ލިބިފައިވާ ތަނަކަށް ހެދުމަށްޓަކައި ޞުލްޙަވެރިކަމާއި ރަޙްމަތްތެރިކަމުގެ ރޫޙެއްގައި އަޅުގަނޑުމެން އެންމެންނަށް މަސައްކަތް ކުރެވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ. އެރޫޙުގައި އެކުގައި މަސައްކަތް ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށާއި ކުރިއަށްއޮތްތާނގައިވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އޮބާމާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.