ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫއަށާއި ވިލިނގިއްޔަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިރޭ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ގއ. ވިލިނގިލީގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.
އެގޮތުން އެބޭފުޅުން ވަނީ އަތޮޅު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމާއި ހޮސްޕިޓަލުގައި ބައެއް ވަޞީލަތްތައް ނެތުމުން ދިމާވާ އުނދަގޫތައް ޙިއްޞާކުރައްވާފައެވެ. އަދި އެ ބޭފުޅުން ވަނީ ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާސިލުކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ރަށުގައި ޤައުމީ ޔުނިވަރސިޓީގެ ގޮތްޕެއް ހުޅުވޭނެ މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިލިނގިލީގެ މުވައްސަސާތަކުގެ އިސްވެރިން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާ ބައްދަލުކޮށްލައްވާފައެވެ.