ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތަށާއި ޖެނީވާއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ މެންދަމު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް މިކުރައްވާ ދަތުރުފުޅަކީ، ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، ރާއްޖެއަށް ބޭނުންވާ އެކިކަންކަމުގައި އިނގިރޭސިވިލާތުގެ ފަންނީ އެހީ ހޯއްދެވުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރްޞަތުތަކާބެހޭ މަޢްލޫމާތު، އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދުގެ މިދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަ ބައްދަލުވުމެއް ބާއްވަވައި، ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރްޞަތުތައް ޙިއްޞާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާބެހޭ އިނގިރޭސިވިލާތުގެ ކަމާބެހޭ ތަޖުރިބާކާރުންނާ ބައްދަލުކުރައްވައި، މިއަހަރުގެ ޑިސެމްބަރު މަހު ކޯޕަންހޭގަންގައި އޮންނަ ތިމާވެށީގެ ބައްދަލުވުމަށް ތައްޔާރުވުމަށްޓަކައި ރާއްޖެއިން ކުރަންޖެހޭ ކަންކަމުގައި ފަންނީ އެހީ ހޯއްދެވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ. އަދި ބައިނަލްއަޤްވާމީ މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ.

އިނގިރޭސިވިލާތުން ނައިބު ރައީސް ވަޑައިގަންނަވާނީ ޖެނީވާއަށެވެ. ޖެނީވާއަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅަކީ، އ.ދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.