ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ރާވާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު، އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިހަވަންދޫ ސްކޫލްގެ 50 އަހަރުގެ ތާރީޚުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، ސްކޫލަށް އައިސްފައިވާ ތަރައްޤީއާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި ސްކޫލަށް ލިބޭ ކޮންމެ ކުރިއެރުމެއްގައި އިހަވަންދޫ ރައްޔިތުންގެ ހިއްސާ ބޮޑުކަން ކޮމިޓީގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ދެއްވައި، ކޮށްދެއްވެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް ތައުލީމީ ދާއިރާއަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.