ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފެލިދެ އަތޮޅު ރަކީދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރަށުގެ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ.
 
މިބައްދަލުކޮށްލެއްވުމުގައި، މި ސަރުކާރުން ކުދި އާބާދީތަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، އެއްފަސްކުރުމާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވެވިއެވެ.
 
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.