ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާރަންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ރަށުގައި ފުރިހަމަވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ. އަދި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގައި 16 ގަޑިއިރަށް ޚިދުމަތް ދިނުމުގައި ހުރި ހުރަސްތަކާއި، އެކަށީގެންވާ ގޮތެއްގައި ކުނި ނައްތައިލެވޭނެ ނިޒާމެއް ނެތުން ކައުންސިލް މެންބަރުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.