ޤައުމެއްގެ މުސްތަޤްބަލް ބިނާވެގެންވަނީ އެޤައުމެއްގެ އާންމު ފަރުދުންނަށް ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރާއި އާންމު ޞިއްޙީ ހާލަތުގެ މައްޗަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭ 2016-2017" ގެ ހޯދުންތައް އާންމުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޞިއްޙީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އިތުރުން އަމިއްލަ މުއައްސަސާތަކާއި، ޖަމުޢިއްޔާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމެއްކަމުގައި ފާހަގަކުރައްވައިފައެވެ.

ދުޅަހެޔޮ ސިއްޙަތެއް ހޯދުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމުގައި ކޮންމެ ފަރުދެއްވެސް އުފުލަންޖެހޭ އަމިއްލަ ޒިންމާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސިއްޙަތަށް ފައިދާހުރި ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަންޖެހޭކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށްދޭ ސަމާލުކަން އިތުރުކޮށް، ޞިއްޙީ ނުރަނގަޅު އާދަތަކުން ދުރުހެލިވެ ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭކުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. 

"މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭ 2016-2017"ގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ދިރާސާއަކީ އާބާދީއާއި ސިއްޙަތާ ގުޅުންހުރި މިންގަނޑުތަކާއި ސިއްޙީ ޙާލަތާއި ޚިދުމަތްތަކުގެ ޙާލަތު ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާއެއްކަމުގައެވެ. އަދި މުސްތަޤްބަލުގައި ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ބައްޓަންކުރުމަށް މި ދިރާސާގެ ހޯދުންތައް ބޭނުންކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ދިރާސާއިން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ނޭދެވޭ އާދަތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރު ދައްކުވައިދޭތީ މިފަދަ ނުރަނގަޅު އާދަތަކުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް މި ދިރާސާގެ ހޯދުންތަކުން ބާރުއަޅައިދޭކަމަށެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށް، އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރެވި ޚާއްޞަ ސިޔާސަތުތަކެއް ކަނޑައެޅި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރައްވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ޞިއްޙަތު ކުރިއެރުވުމަށް ކުރެވެމުންދާ އެންމެހާ މަސައްކަތްތަކުން އާންމުންގެ ޞިއްޙަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ސަރވޭގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވައި، ޚާއްޞަ ގޮތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފައެވެ.