ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މިނިސްޓަރ ފޮރ އެފްރިކާ، އޭޝިއާ އެންޑް ދަ ޔުނައިޓެޑް ނޭޝަނަންސް ލޯޑް މާކް މެލޮކް ބްރައުނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ކުރެވުނު މަސައްކަތުގައި އިނގިރޭސި ސަރުކާރުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހިންގަވަމުން ގެންދަވާ ތަފާތު މަޝްރޫޢުތަކުގެ މަޢްލޫމާތާއި، ލާމަރްކަޒީ އުޞޫލު ތަޢާރުފު ކުރައްވައި ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތު ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މިނިސްޓަރަށް ދެއްވިއެވެ.

ލޯޑް މާކް މެލޮކް ބްރައުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިގެނައި ޑިމޮކްރަސީގެ ޙަޤީޤީ ބަޠަލުންނަކީ، ދިވެހި ރައްޔިތުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހިންގަވާ އެކިއެކި މަޝްރޫޢުތަކަށް އިނގިރޭސިވިލާތުގެ މަލްޓި-ލެޓްރަލް އެޖެންސީތަކުގެ އެހީ ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.