ޒުވާނުންގެ ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރައްވަމުން ގެންދަވާ މާޗް މަހުގެ 1 ވަނަ ދުވަހުގެ ބަދަލުގައި، ޒުވާނުންގެ ދުވަހަކީ، އޯގަސްޓް މަހުގެ 12 ވަނަ ދުވަސް ކަމުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިގޮތަށް ނިންމެވީ، 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ލިޒްބަންގައި ބޭއްވެވި ޒުވާނުންނާބެހޭ ވަޒީރުންގެ ބައިނަލްއަޤްވާމީ ކޮންފަރެންސުން ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހަކީ، އޯގަސްޓް މަހުގެ 12 ވަނަ ދުވަސް ކަމަށް ހަމަޖައްސަވައި، ޤަރާރަކުން އެކަން ނިންމަވާފައިވާތީއާއި، ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ކަނޑައެޅިފައި އޮތްއިރު، އެދުވަސް ނޫން އެހެން ދުވަހެއް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަކީ، ހަމަޖެހޭ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ. އެހެންކަމުން، މިއަހަރުން ފެށިގެން އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާ ދުވަސް ކަމުގައި ހަމަޖެއްސެވުމަށް ނިންމެވީއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެދު އުތުރު ޕްރޮވިންސާއި، މެދު ޕްރޮވިންސާއި، މެދު ދެކުނު ޕްރޮވިންސާއި، އަދި މަތި ދެކުނު ޕްރޮވިންސްގެ މަރްކަޒީ ރަށްތައް ހަމަޖެއްސެވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، އެ ރަށްތައް ކަނޑައެޅުއްވިއެވެ. މިގޮތުން، މެދު އުތުރު ޕްރޮވިންސް ކަމަށްވާ، ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި އަދި ވ. އަތޮޅުގެ މަރްކަޒީ ރަށަކީ، ކ. މާފުށި ކަމަށް ހަމަޖެއްސެވިއެވެ. މެދު ޕްރޮވިންސްގައި ހިމެނޭ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅުގެ މަރްކަޒީ ރަށަކީ، ދ. ކުޑަހުވަދޫ ކަމަށް އަދި މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ ތ. އަތޮޅާއި ލ.އަތޮޅުގެ މަރްކަޒީ ރަށަކީ ލ. ގަމު ކަމަށް ހަމަޖެއްސެވިއެވެ. މަތި ދެކުނު ޕްރޮވިންސްގައި ހިމެނޭ ގއ. އަތޮޅާއި ގދ. އަތޮޅުގެ މަރްކަޒީ ރަށެއް ކަމަށް ހަމަޖެއްސެވީ، ގދ. ތިނަދޫއެވެ.

ސަރަޙައްދީ ނިޒާމުގެ ދަށުން މަރްކަޒީ ރަށެއް ޤާއިމު ކުރެއްވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގެ އެކިރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ޑިމޮކްރަސީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށްދެއްވުމާއި، ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި ޘަޤާފީ ގޮތުން މަތިކުރެއްވުމެވެ.
ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި، ސަރަޙައްދީ ނިޒާމު ހިންގުމަށް ބޭނުންވާ ސިޔާސަތުތައް ނިންމެވުމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މި ސިޔާސަތުތައް ކަނޑައަޅުއްވައި ނިންމެވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވެވިއެވެ.

މިމަހުގެ 16 އިން 21 އަށް ރައީސް މުޙަންމަދު ނަޝީދު، އިޓަލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާބެހޭ މަޢްލޫމާތު، އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް މިއަދު ދެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުން ރައީސުލްޖުމްހޫރިއްޔާއާ ކުރައްވަން ބޭނުންފުޅުވާ ސުވާލު ކުރެއްވުމުގެ ފުރްޞަތު ދެއްވާ ގޮތަށް މިހާރު ހަމަޖައްސަވާފައިވުމާއެކު، މިއަދުގެ ޖަލްސާގައިވެސް އެކަމަށް ފުރްޞަތު ހުޅުއްވާލެއްވިއެވެ.