ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ތަޖުރިބާކޮށްލުމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވައިފިއެވެ. 

ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ސްރީލަންކާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައިވަނީ ސްރީލަންކާގެ މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވުމަށް އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްވި ދަޢުވަތަކަށް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި ސްރީލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޤާއިމުވެފައި އޮތް ވިޔަފާރީގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ދެޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ރަނގަޅުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދައުވަތުދެއްވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރައްވަނީ ޤައުމުގެ އިޤްތިޞާދު ފުޅާވެ ކުރިއަރަމުންދާނީ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްތަކެއް ކޮށްގެންކަމުގައެވެ. އެހެންކަމުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައި ބޭރުގެ އިންވެސްޓަރުންނަށްވެސް ކުރިއަށްވުރެ ބޮޑަށް އިސްކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.  

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއާއި ސްރީލަންކާ ކުރިއަރަމުންދަނީ އުއްމީދީ މިންވަރެއްގައި ކަމަށާއި ދެ ގައުމުގެ އިޤްތިޞާދު ކުރިއަރަމުންދަނީ ވަރަށް އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަމަށެވެ. މި ގޮތުން ދެޤައުމުގެ އިޤްތިޞާދު ކުރިއަރަމުން ދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމާއެކު ދެޤައުމަށްވެސް ޤުދުރަތީ ކާރިސާތަކުގެ ސަބަބުންނާއި މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އުދަގޫތަކެއް ކުރިމަތިވާކަމުގައި ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމަށް އެކުގައި ކުރިއެރުވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި އެކުގައި މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން އިޤްތިޞާދު ކުރިއެރުވުމުގައްޔާއި ވިޔަފާރިތައް އިތުރުކުރުމުގައި ދެޤައުމަށްވެސް ފައިދާވާނެ ގޮތަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ވިޔަފާރިވެރިންގެ ކައުންސިލްގެ ރައީސް ވަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ.