ރާއްޖެއަކީ ވަރަށްދިގު ޘަޤާފަތަކާއި ވަރަށްދިގު ތާރީޚެއް ލިބިފައި އޮތް، ވަރަށް ވަރުގަދަ އިސްލާމީ ޝަޚްޞިއްޔަތެއް ބިނާވެފައިވާ ޤައުމެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މިސްކިތްތައް ބިނާކުރުމާއި، މަރާމާތު ކުރުމަށް އެހީވާ ފަންޑު ހުޅުއްވައިދެއްވުމަށާއި، ދިވެހިރާއްޖޭގެ ފިޤްހު އެކަޑަމީ އިފްތިތާޙު ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިސްކިތްތައް ބިނާކުރުމާއި މަރާމާތު ކުރުމަށް އެހީވާ ފަންޑު ހުޅުވިގެންދިޔައީ، އެ ފަންޑު ރަމްޒުކޮށްދޭ ފިލައެއް ރައީސް ނަޝީދަށް އެރުވުމުންނެވެ. އެ ފިލާ އެރުއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލަމިކް އެފެއާޒް ފަޟީލަތުއްޝައިޚު މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ފިޤްހު އެކަޑަމީ އިފްތިތާޙު ކުރުމުގެ ގޮތުން، އެ އެކަޑަމީގެ ރަސްމީ ވެބްސައިޓް، ރައީސް ނަޝީދު ހުޅުއްވައިދެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ދުވަހުގެ ހެޔޮއެދުމާއި މުބާރަކްބާދީ، ރާއްޖޭގެ ރައްޔިތުންނަށް ރައްދުކުރައްވަމުން، ޤައުމީ ދުވަހަކީ ޙަޤީޤަތުގައި ރާއްޖޭގެ މިސްކިތްތައް ބިނާކުރުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ދުވަހެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ބޮޑުތަކުރުފާނުގެ މިސްކިތް ނުވަތަ ބިހުރޯޒު ކަމަނާ މިސްކިތް ބިނާކުރެވިގެން އައީ، ޙަޤީޤަތުގައި މިދުވަހުކަން ފާހަގަކުރެއްވިއެވެ.

އަމިއްލަ ފަރާތްތަކަށް ކަންކަން ހުޅުއްވާލެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އުޞޫލަށް ރައީސް ބައްލަވާލައްވަމުން، މިސްކިތްތައް ބިނާކުރުމުގައިވެސް މި އުޞޫލުން ކަންތައްތައް ގެންދިޔައީމާ، މިސްކިތްތައް ބިނާކުރެއްވުމަށް މިހާރު މިބޭނުންވާ ފައިސާ، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން މިއަދުގެ ސަރުކާރަށް ހަމަކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން ނޫނީ ރައްޔިތުންނަށް ފޯރުކޮށްދޭން ވަރަށް އުނދަގޫވާނެކަން ބަޔާން ކުރައްވަމުން، އެއްވެސް ސަރުކާރަކުން އެ ސަރުކާރެއްގެ ބަޖެޓުން އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަކީ، ފަސޭހަ ކަމަކަށް އަދި ކުރެވިދާނެ ކަމަކަށް ނުވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ފަންޑު ހުޅުއްވާ ކަމަށްޓަކައި، މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގައި ފިޤްހު އެކަޑަމީއެއް އިފްތިތާޙު ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން މިފަދަ އެކަޑަމީގެ މަސައްކަތް އެކިގޮތްގޮތަށް ކުރެވެމުން އައި ކަމަށާއި، ދީނީ އޮއިވަރު ނުވަތަ ދީނީ ކަންކަމާގުޅޭ ބަޙުޘްތައް އެކިދުވަސްވަރު އެކިގޮތްގޮތަށް ހިނގާފައި އެބަހުރި ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލަމިކް އެފެއާޒް ފަޟީލަތުއްޝައިޚު މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ފަރާތުން އެ ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް އިބްރާހީމް ޖިހާދާއި، ފިޤްހު އެކަޑަމީގެ ނާއިބު ރައީސް ފަޟީލަތުއްޝައިޚު ފައްޔާޒް ޢަލީ ވާހަކަ ދެއްކެވިއެވެ. ޝުކުރު ދެންނެވީ، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނާއިބު ރައީސް އަލްފާޟިލް އިސްމާޢީލް ޢާޞިފެވެ. ރަސްމިއްޔާތު ތަޢާރުފު ކުރެއްވީ، އަލްއުސްތާޛާ ލަޠީފާ ޤާސިމެވެ.

މި ރަސްމިއްޔާތަށްފަހު، މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒްގެ ލައިބްރަރީއަށް ރައީސް ނަޝީދު ޒިޔާރަތް ކުރައްވައި، އީ-ލައިބްރަރީގެ ޚިދްމަތްވެސް އެމަނިކުފާނު އިފްތިތާޙު ކޮށްދެއްވިއެވެ.