بســم اللّـه الرّحمـن الرّحيــم

                  اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަން.

އާދެ، 1983 ވަނަ އަހަރުގެ ތެރެއަށް އަޅުގަނޑުމެން އެންމެ ފުރަތަމަ ފިޔަވަޅު އަޅާ ވަގުތުގައި މިތަނަށް އަޅުގަނޑުމެން އެއްވެ މިތިބީ ވަރަށް މުހިންމު ބޭނުމެއްގައި. އާދެ، އެއީ، ޤައުމީ ފެންވަރުގައި، ދިވެހިރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ފެށޭ، ގަސްއިންދުމުގެ ޕުރޮގުރާމެއް ފަށަން.

ދެންމެ ޖަލްސާ ނުވަތަ މި ރަސްމިއްޔާތު ތަޢާރުފުކުރެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ ނާއިބު އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން އެ ވިދާޅުވި ފަދައިން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޙިލްމީދީދީ އާލާސްކަންފުޅާ އުޅުއްވާތީ މިތަނަށް ވަޑައިނުގެންނެވުނީ. އެ މަނިކުފާނަށް މިތަނަށް ވަޑައިނުގެންނެވުނުކަން އެއީ ޝައްކެއްނެތްގޮތުގައި މިރޭގެ މިރަސްމިއްޔާތަށް ލިބުނު ވަރަށްބޮޑު ފަޅުކަމެއް. އާދެ، އަޅުގަނޑުގެ ދުޢާއަކީ، އެ މަނިކުފާނަށް اللّـه سبحـانـه وتعـالى އަވަސް މަގަކުން ޝިފާ ދެއްވުން.

ދަނޑުވެރިކަމާއި ގަސް އިންދުމުގެ މުހިންމުކަން އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކަށްވެސް ވަންހަނާވެގެން ވާނެކަމެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ކިތަންމެ ކުދިކުދި ޖަޒީރާތަކެއްގެމައްޗަށް އެކުލެވިގެންވާ ޤައުމަކަށްވިޔަސް އަޅުގަނޑުމެންގެ ރާއްޖޭގައި މީގެކުރިންވެސް މި މަސައްކަތް އަޅުގަނޑުމެންގެ ކާބަފައިން، އަދި މިއަދާ ޖެހެންދެން ދިވެހިން ކޮށްފައިވޭ. ވަރަށް ކާމިޔާބު ގޮތެއްގައި ކޮށްފައިވޭ. އެހެންނަމަވެސް ފަހަކަށް އައިސް އެ މަސައްކަތަށް ދޭންވާ އަހައްމިއްޔަތު އަޅުގަނޑުމެންނަށް ނުދެވުމުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެ ވަނީ މިރޮނގުން މިހާރު ވަރަށް ބޮޑަށް ފަޤީރުވެފައި. އަޅުގަނޑުމެންގެ ވާޖިބަކަށް ވާނީ މި މަސައްކަތް އާ ރޫޙަކާއެކު ފެށުން. އަދި 1983 ވަނަ އަހަރަކީ، ގަސްއިންދުމުގެ އަހަރު ކަމުގައި ސަރުކާރުން ހަމަޖެއްސި ކަމުގައިވިޔަސް މި މަސައްކަތަކީ، 83 ވަނަ އަހަރު ނިމުމުންވެސް އަދި   84 ވަނަ އަހަރާއި ފަސްވަނަ އަހަރާއި ހަވަނަ އަހަރަށް އަދި ނުވަދިހަވަނަ އަހަރު ނިމުމުންވެސް، އަދި އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭނަމަ، ދެހާސްވަނަ އަހަރުގައިވެސް އަދި އޭގެފަހުންވެސް އަޅުގަނޑުމެން ކުރަމުން ގެންދަންޖެހޭނެ މަސައްކަތެކޭ. އެއްވެސް ހާލެއްގައި މި މަސައްކަތަކީ، އަޅުގަނޑުމެން ދޫކޮށްލައިގެން އަޅުގަނޑުމެންގެ ދިރިއުޅުން އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަސައްކަތެއްނޫން.

ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ޞަނާޢީ ޤައުމުތަކަށް ވިސްނާލިޔަސް އަޅުގަނޑުމެންނަށް ފެންނާނެ، އެ ޤައުމުތަކުގައިވެސް ދަނޑުވެރިކަމަށާއި، ގަސްއިންދުމަށް ދީފައިވާ އަހަންމިއްޔަތުގެ ބޮޑުކަން. ޞަނާޢީގޮތުން އެންމެ ކުރިއަރައިފައިވާކަމަށް އަޅުގަނޑުމެންނަށް އަބަދުވެސް އިވެމުންދަނީ ޔޫރަޕުގެ ޤައުމުތައް. އިނގިރޭސިވިލާތް އަދި ޔޫރަޕް ފިޔަވައި އެމެރިކާ، ކެނެޑާ އަދި އެތެރެވަރީގެވެސް ޖަޕާން ކަހަލަ ޤައުމުތައް. މިތަންތާނގައިވެސް ބިމުން ލިބޭ އެއްޗަކަށް އެމީހުންދޭ އަހަންމިއްޔަތު ވަރަށްބޮޑު. ދަނޑުވެރިކަން ކުރިއަށް ގެންދިއުމަށްޓަކައި އެމީހުންކުރާ މަސައްކަތް އެހާމެގިނަ. އާދެ، ސަބަބަކީ، އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ވިސްނައިލެވޭނެ ސަބަބެއް. އެއީ ޞަނާޢީގޮތުން ކިތަންމެ ކުރިއެރިކަމުގައިވިޔަސް އެކިއެކި ބާވަތްބާވަތުގެ އިލެކްޓްރޯނިކް ތަކެތި އުފެއްދި ކަމުގައިވިޔަސް ދަގަނޑާއި އެކަތައިގެ ތަކެތިތައް އުފައްދަމުން ގެންދިޔަކަމުގައިވިޔަސް އަދި ފޭރާމުގެ ބާވަތްތައް އުފައްދަމުން ގެންދިޔަކަމުގައިވިޔަސް އަދި އެނޫންވެސް ޞަނާޢީގޮތުން، ޞަނާޢީ ޤައުމުތަކުގައި އުފައްދަމުންގެންދާ ތަކެތި އުފައްދަމުން ގެންދިޔަކަމުގައިވިޔަސް އަޅުގަނޑުމެންގެ ކާނާ އަޅުގަނޑުމެންގެ ހަށިތަކަށް ބޭނުންވާ ޣިޒާ ލިބޭނީ ހަމައެކަނި ކާބޯތަކެތި އުފެއްދޭނެގޮތެއް މެދުވެރިވެގެން. އެހެންވީމާ، ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް މިކަމަށް އެހާބޮޑު އަހަންމިއްޔަތެއްދެނީ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަމަށް އެހާބޮޑު ސަމާލުކަމެއް މިހާރު އަޅުގަނޑުމެން ދޭންޖެހިފައިވާ ސަބަބަކީ، މިދެންނެވީ. މި މަސައްކަތުގެ އެއްބައި އަޅުގަނޑުމެން މިހާރުވެސް ގެންދަނީ ކުރަމުން. އެއީ، މަސްވެރިކަން.

اللّـه سبحـانـه وتعـالى އިންސާނުންނަށް ރިޒްޤު ދެއްވުމަށް ހަމަޖައްސަވައިފައިވަނީ ނުވަތަ މިންވަރު ކުރައްވައިފައިވަނީ ބިމާއި ކަނޑުގެ ޒަރީޢާއިން. ބިމުގެ ނިޢުމަތްތަކުން، ކަނޑުގެ ނިޢުމަތްތަކުން، އެކިއެކި ޙައިވާނާއި ޖަނަވާރުގެ ނިޢުމަތްތަކުން. މިކަންތައްތައް ކުރިއަށް ގެންގޮސްގެންނޫނީ، އިންސާނީ ނައުޢަށް ދުނިޔޭގައި ދިރިދެމި ތިބެވޭނެއެކޭ އަޅުގަނޑު ނުދަންނަވާނަން. އެހެންވީމާ، މި މަސައްކަތަކީ، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ފަހަކަށްއައިސް އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އިހުމާލުކޮށްލެވިފައިވާ މަސައްކަތަކަށްވާތީ، ސަރުކާރުން މިފިޔަވަޅު އަޅަން ގަސްދުކުރީ. މިރޭ މާލޭގައި އާދެ، މިއުފާވެރި ރަސްމިއްޔާތުގައި މާމެލާމެއްޔާއި އެކި ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރި ކުރެވިފައިވާ ތާނގައި އަޅުގަނޑުމެން ގަސްއިންދުމުގެ މަސައްކަތް ފަށާއިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ހަމަ މިވަގުތު މި މަސައްކަތް ފެށޭނެ. އަޅުގަނޑުހިތުން މިއީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަންޑުމެން ފާހަގަކޮށްލަން ޖެހޭނެކަމެއް.

އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރާއްޖެވަނީ ދަނޑުވެރިކަމާއި ގަސް އިންދުމުގެ ރޮނގުގައި ވަރަށްބޮޑަށް ފަޤީރުވެފައި. މިހާރު އަޅުގަނޑުމެންވަނީ ކާބޯތަކެތި އަޅާ ގަސް އިންދަން ބޭނުންވެފައި. ލަކުޑި ހައްދަން ބޭނުންވެފައި. މޭވާއާއި ތަރުކާރީ ހައްދަން ބޭނުންވެފައި. ރުއް އިންދަން ބޭނުންވެފައި. އާދެ، ރުއް އިންދުމާބެހޭގޮތުން މީގެ ތިން އަހަރުކުރިން އަޅުގަނޑު ކުރި އިލްތިމާސްއެއްގެ ނަތީޖާއެއްގެގޮތުން މާލޭގައާއި ރާއްޖެތެރޭގެ ރަށްރަށުގައި ވަރަށްގިނަ އަދަދަކަށް ރުއް އިންދިފައިވޭ. އެހެންނަމަވެސް، ހަމައެކަނި ރުއް އިންދައިގެން އަޅުގަނޑުމެންނަށް މިރޮނގުގައި އެދެވޭ ނަތީޖާއެއް ނުލިބޭނެ. ރުއް ފިޔަވައި އެހެނިހެން ބާވަތްތަކުގެ ގަސްގަހާގެހިވެސް އަޅުގަނޑުމެން އިންދަން ޖެހޭނެ.

އެހެންވީމާ، [1983 ވަނަ އަހަރަކީ ގަސް އިންދުމުގެ އަހަރު] ކަމުގައި ސަރުކާރުން ހަމަޖެއްސެވީ. އެއަހަރު އެއީ ގަސްއިންދުމުގެ އަހަރެއްކަމުގައި ހަމަޖެއްސިއަސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި މަސައްކަތަކީ ދާއިމީގޮތެއްގައި އަޅުގަނޑުމެން ކުރަންޖެހޭނެ މަސައްކަތެއް. އެހެންވީމާ، 1983 ވަނަ އަހަރުގެ އެންމެ ފުރަތަމަ ހިނދުކޮޅުގައި އަޅުގަނޑު ދިވެހި ޤައުމަށް މިގޮވައިލަނީ، ގަސް އިންދުމުގެ މަސައްކަތަކީ ހަމައެކަނި މިއަހަރު ކުރައްވާ މަސައްކަތަކަށް ނުހެއްދެވުމަށް. އެއާ ޚިލާފަށް މި މަސައްކަތަކީ، ދާއިމީގޮތެއްގައި އަޅުގަނޑުމެން މިދުނިޔޭގައި ދެމިތިބިހާހިނދަކު، ރާއްޖޭގައި މީހުން އުޅެމުންދިޔަހާހިނދަކު ކުރަމުންގެންދާ މަސައްކަތެއް ކަމުގައި ހެއްދެވުމަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން މިރޭ މިފަށާ މަސައްކަތުގައި ބަރަކާތް ލެއްވުން. ތައުފީޤު ލެއްވުން. އަޅުންގެ މައްޗަށް ވާޖިބުވެގެންވަނީ ތެދުވެރިކަމާއެކު، މަސައްކަތްކުރުން. ނަތީޖާ ދައްކަވާނީ اللّـه سبحـانـه وتعـالى. އެހެންވީމާ، މި އާ އަހަރުގެ ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ހުރިހާ އަޚުންނާއި އުޚުތުންނަށް މި މަޤާމުގައި ހުރެގެން އަޅުގަނޑު ރައްދުކުރަމުން ފިސާރި އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ގަސް އިންދުމުގެ މަސައްކަތަށް ދިވެހި ޤައުމުގެ އެންމެހައި ރައްޔިތުން ކުރިމަތިލެއްވުމަށް އަޅުގަނޑު ގޮވައިލަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އެދެވޭ ނަތީޖާ اللّــه އަޅުގަނޑުމެންނަށް ދައްކަވާނެކަމުގެ ފުރިހަމަ ޔަގީންކަމުގައި ހުރެގެން. وَقُلِ اعْمَلُوا فَسَيَرَى اللَّـهُ عَمَلَكُمْ وَرَسُـولُهُ وَالْمُؤْمِنُـونَ.

والسّــلام عليكم ورحمـة اللّـه وبركاته.