ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ސްރީލަންކާއަށް ވަޑައިގެންފިއެވެ. 

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞޯލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރައްޖެއިން ބޭރަށް ކުރައްވާ ދެވަނަ ފުރަމާނަ ދަތުރުފުޅުގައި ސްރީލަންކާއަށް ވަޑައިގެންނެވުމުން ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.   

މިއަދުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމޖެހިފައެވެ.   

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފުލާގެ އިތުރުން ސްރީލަންކާގެ ރައީސް ދެއްވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ.  ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.