ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގެވުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރުމާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި، ކޮމަންވެލްތުން ރާއްޖެއަށް މިދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިސްޓަރ ޝަރުމާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސްކޫލްތަކަށްވެސް ކޮމަންވެލްތުން އެކި އެހީ ދެއްވާނެ ކަމަށާއި، ފ. މަގޫދޫގައި ޤާއިމު ކުރުމަށް މިހާރު ހަމަޖެހިފައިވާ އިޓަލީގެ މިލާނޯ ބިކޯކާ ޔުނިވަރސިޓީގެ އައުޓް ޕޯސްޓަށް ކޮމަންވެލްތް ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ސްކޮލަރޝިޕް ހަމަޖައްސަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިނޫން ރޮނގުތަކުންވެސް ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ޝަރުމާ ވިދާޅުވިއެވެ.

ނާއިބު ރައީސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި، ކޮމަންވެލްތުން ރާއްޖެއާ ދޭތެރޭ މިބަހައްޓަވާ ގާތްކަމާއި، އަދި ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ކޮމަންވެލްތަށް ޝުކުރު އަދާކުރެއްވިއެވެ.