ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދަޢުވަތަކަށް، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.  

މިއަދުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމޖެހިފައެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފުލާގެ އިތުރުން ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ.  މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.