ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖޫމްހޫރިއްޔާ ވަނީ ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގައި ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރާއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތާއި އަލުން ގުޅުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ކޮމަންވެލްތާ ގުޅުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވަޢުދުކަމުގައި ފާހަގަކުރައްވާފައެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދުން ވަނީ ރާއްޖެއަށް މި ކުރެއްވި ދަތުރުގައި އެބޭފުޅުންނާމެދު ބެހެއްޓެވި ގާތްކަމަށާއި އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި ވަފުދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެއަށް މި ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވައި މި ދަތުރުގައި ސަރުކާރުގެ އެކިއެކި މުހިންމު އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުވުމުން އެކަމާއިމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވައިފައެވެ. 

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމަށް ހޮވި ވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ ބޭފުޅުން ވަނީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ އުސޫލަށް ތަޢުރީފުކުރައްވައިފައެވެ.