ކޮމަންވެލްތް ބިޒްނަސް ކައުންސިލުގެ އިސް މެންބަރުންނާ ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، އިނގިރޭސިވިލާތުގައި އިންވެސްޓްމަންޓް ސެމިނާރެއް ބޭއްވުމަށް އިންތިޒާމުތައް ކުރައްވަމުން ގެންދަވާތީ، އެކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގައި ހިންގާނެ މަޝްރޫޢުތަކާއި، އޭގެތެރެއިން އެންމެބޮޑު އަހަންމިއްޔަތުކަމެއް ދެއްވަންޖެހޭ މަޝްރޫޢުތައް ފާހަގަކުރެއްވިއެވެ. އަދި މި ސެމިނާރު އިންތިޒާމު ކުރުމަށް ފަންނީ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ނާއިބު ރައީސް ޑޮކްޓަރ ވަޙީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އަސްޢަދު މަޢްލޫމާތު ހޯއްދެވިއެވެ.

ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހަށްވެސް ޒިޔާރަތް ކުރައްވައި، ކުދި ޖަޒީރާތަކުގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޚާއްޞަ މަންދޫބު މިސްޓަރ ރޮބިން ގުވިންއާވެސް ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، މިއަހަރު ފަހުކޮޅު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ރާއްޖެއިން ތައްޔާރުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާ ބެހޭގޮތުންނެވެ. އަދި މިބައްދަލުވުމަށް ތައްޔާރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ކެމްޕޭން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ވަރަށްގިނަ ރަށްތައް ވަރަށް ބޮޑަށް ގިރަމުންދާތީ، އެކަމަށް އެހީ ހޯއްދެވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ނާއިބު ރައީސް ޑޮކްޓަރ ވަޙީދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި، އިންގްލިޝް ޕެންގެ އިސްބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ލިޓަރަރީ ޓޫރިޒަމް ތަޢާރުފް ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، އިންގްލިޝް ޕެންގެ މެންބަރުންގެ ގޮތުގައި ތިއްބެވި މުއްސަނދި ލިޔުންތެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވައި، އެކަމާބެހޭ މަސައްކަތު ބައްދަލުވުންތައް ރާއްޖޭގައި ބޭއްވެވުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ނޫސްވެރިންނަށް އިތުރު ތަމްރީނު ދެއްވުމާއި، ނޫސްވެރިކަމުގެ އެކި ޙަރަކާތްތައް ރާއްޖޭގައި ހިންގެވުމާބެހޭ މަޝްވަރާތައް ކުރެއްވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މިކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، މިކަންކަމުގައި ރާއްޖެއިން އިސްކޮށް އުޅުއްވާ ފަރާތްތަކާ ގުޅުއްވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ވިޔަފާރީގެ ދާއިރާއިން ޒިންމާދާރު ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށްޓަކައި މާލީ ނޫސްވެރިކަމަށްވެސް އެހީ ހޯއްދެވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.