ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތް ފެށިގެން ދިޔުމުގައި ސިފައިން އަދާކޮށްދެއްވާފައިވާ ދައުރު ދުވަހަކުވެސް ހަނދާންނެތިގެން ނުދާނެ ކަމުގައި ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފް. ސްޕެޝަލް ފޯސަސްގެ ދަސްވެނިން ސިފައިންގެ ތެރެއަށް ރަސްމީގޮތުން އިފްތިތާޙް ކުރެއްވުމަށް މިރޭ ހިތްފަސޭހަ މައިދާނުގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބަދަލުތަކެއް މިރާއްޖޭގެ ރައްޔިތުން ދަނީ ތަޖުރިބާ ކުރަމުން ކަމަށާއި، އެބަދަލުތައް އަމާންކަމާއި ޞުލްޙަވެރިކަމާއެކު ލިބިދިނުމުގައި އެންމެމަތިވެރި ޚިދްމަތްތަކެއް ކޮށްދިން އެއްބަޔަކީ، ރާއްޖޭގެ ސިފައިން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިފަޚްރުވެރިވާ ޑިމޮކްރަސީގެ އުޞޫލުތައް ތަޢާރުފްވެފައި މިވަނީ ރާއްޖޭގެ ސިފައިން އެބޭފުޅުންގެ ވާޖިބު ވަރަށް ފުރިހަމަ މިސާލެއްގެ ގޮތުގައި ދައްކަވަމުން ގެންދެވީމާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމް.އެން.ޑީ.އެފް.ގެ ސްޕެޝަލް ފޯސަސްގެ ދަސްވެނިންނަށް ތަޢުރީފް ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެބޭފުޅުންނަކީ ކަމަށް ބޭނުންވާ ތަމްރީނުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުންނަކީ އެބޭފުޅުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންނާއި އަދި އެނޫންވެސް ގޮތަކުން ދިމާވެދާނެ އެއްވެސް ކަމަކަށް ކުޑަކޮށްވެސް ޖެހިލުންވެ ވަޑައިގަންނަވާނެ ބޭފުޅުންނެއްނޫނެވެ. އެބޭފުޅުންނަކީ އަޅުގަނޑުމެން ދިފާޢު ކުރުމަށްޓަކައި އެންމެ ކުރީސަފުގައި ތިއްބަވާނެ ބޭފުޅުންނެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމިއްޔަތާއި މިނިވަންކަން ދެމެހެއްޓުމުގައި އެންމެ ކުރީސަފުގައި ތިއްބަވާނެ ބޭފުޅުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިގަނޑު އަސާސްތައް ސަލާމަތް ކުރުމުގައި ސިފައިންނާއި އެމް.އެން.ޑީ.އެފް. ތައްޔާރަށް ތިއްބެވި މިންވަރު މިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ބަލައިގަނެ ދެނެގަންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސްޕެޝަލް ފޯސަސްގެ ބޭފުޅުންނަކީ، މިރާއްޖޭގައި ތިއްބެވި އެންމެ ހުޝިޔާރު ބޭފުޅުން ކަމަށާއި، މިރާއްޖޭގެ މިއަދުގެ ވެރިންނަކީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅުން ނޫންކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއިޙްތިފާލުގައި ސްޕެޝަލް ފޯސަސްގެ ދަސްވެނިންނަށް މެރޫން ބެރޭ ޙަވާލުކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސް މުޙަންމަދު ނަޝީދެވެ. ދަސްވެނިންނަށް ބެޖް ޙަވާލުކޮށްދެއްވީ ދަސްވެނިންގެ ޢާއިލާގެ މެންބަރުންނެވެ. ސްޕެޝަލް ފޯސަސްގެ ދަސްވެނިންގެ ޢަޒުމް ދަސްވެނިންނަށް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ފަރުހަތު ޝަހީރެވެ.

ސްޕެޝަލް ފޯސަސްގެ ދަސްވެނިންގެ ކުޅަދާނަ ޙަރަކާތްތައްވެސް މިއިޙްތިފާލުގައި ފެނިގެންދިޔައެވެ. އަދި ބަޑިބޭހާއި ހަވާގެ ކުޅިވަރުވެސް އޮތެވެ.