ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރު އަޙްމަދު ލަޠީފު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަޙްމަދު ލަޠީފަށް މަރުހަބާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަރުމަނުވިލާތާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އަޙްމަދު ލަޠީފުގެ އެހީތެރިކަމާއެކު އެގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަޙްމަދު ލަޠީފުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއަށް މަންފާ ލިބޭނެ ދާއިރާތަކަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ޖަރުމަނުވިލާތުގައި ރާއްޖޭގެ ރީތިނަން ދެމިގެންދާނެ ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުގައި އުފައްދާ ފެންވަރު ރަނގަޅު މުދާ ރާއްޖެއިންވެސް ލިބެން ހުރުމުން ކުރާނެ ފައިދާތަކުގެ މައްޗަށް ބައްލަވައިލައްވައި ޖަރުމަނުވިލާތާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.
ޖަރުމަނުވިލާތުގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ރާއްޖެއަށް ހޯދިދާނެ މަންފާތަކާއި އެހީތެރިކަމުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ އެދާއިރާތަކުގެ ހަރުދަނާ ސިޔާސަތުތައް ދިވެހިރާއްޖެއަށް ތަޢާރަފުކޮށް ޖަރުމަނުވިލާތުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދެވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޖަރުމަނުވިލާތުގައި ދިރިއުޅުއްވާ ދިވެހިންނަށާއި، އެ ޤައުމުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ކިޔަވާކުދިންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ މިލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެ ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ހުރިހާ ދާއިރާއަކުންވެސް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މިއަދުގެ ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރު ވަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ހޯއްދަވައިދެއްވިދާނެ ތަމްރީނުގެ ފުރުޞަތުތަކާއިގުޅޭ ގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.