އިންޑިއާއިން އެކި ރޮނގުތަކުން ރާއްޖެއަށް މިދެއްވާ އެހީތަކާއި، އިންޑިއާގެ ރައްޔިތުން ރާއްޖެއަށް މިކޮށްދެއްވާ ޚިދްމަތްތަކަކީ، ރާއްޖޭގެ ރައްޔިތުން ޝުކުރުވެރިވާ ޚިދްމަތްތަކެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ޚިދްމަތް ކުރަމުން ގެންދާ އިންޑިއާ ރައްޔިތުން އުފައްދާފައިވާ ”އިންޑިއާ ކްލަބް“ އިން ހިލޭ ޚިދްމަތްދޭ ޞިއްޙީ ކޭމްޕް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޭމްޕް ހުޅުއްވައިދެއްވުމަށް މިއަދު ހެނދުނު އިސްކަންދަރު ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެކިދާއިރާތަކުގައި ޚިދްމަތް ކުރައްވަމުން ގެންދަވާ އިންޑިއާ ރައްޔިތުންނާއި، ޕްރޮފެޝަނަލް ދާއިރާތަކުގައި ޚިދްމަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި، ރާއްޖެއަށް ވަރަށްދިގު މުއްދަތެއް ވަންދެން ޚިދްމަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދްމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުން އެބަތިއްބެވި ކަމަށް ވިދާޅުވެ، އެހުރިހާ ބޭފުޅުން ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ވަރަށް ރަނގަޅު މުޖްތަމަޢެއް ބިނާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ގިނަ ޢަދަދެއްގެ ބަޔަކަށް އެކަށީގެންވާ ފެންވަރެއްގައި ޞިއްޙީ ޚިދްމަތް ފޯރުވައިދެވިފައިނުވާ ކަމަށާއި، ގިނަ ޚިދްމަތްތައް އަމާޒު ކުރެވިފައި ހުރީ މާލެއަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޞިއްޙަތާއި ތަޢްލީމަކީ، މިއަދުގެ ސަރުކާރުން އެންމެބޮޑު ސަމާލުކަމެއް ދެއްވާނެ އަސާސީ ދެ ޚިދްމަތް ކަމަށާއި، މި ދެ ދާއިރާއަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިންވެސްޓް ކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ބޭރުގެ އިންވެސްޓަރުންނަށް ސަރުކާރުން އަބަދުވެސް މަރްޙަބާ ވިދާޅުވާނެކަން ހާމަކުރެއްވިއެވެ. އަދި މިއަދު މި ހުޅުވޭ ކޭމްޕަކީ، ވަރަށް މުހިންމު ފެށުމެއް ކަމަށާއި، ޞިއްޙީ ދާއިރާ ނޫނަސް އެހެން ދާއިރާތަކުންވެސް އިންޑިއާ ރައްޔިތުންގެ ހުނަރު ރާއްޖޭގެ ރައްޔިތުންނާއެކު ޙިއްޞާ ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ޞިއްޙީ ކޭމްޕް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ އަދި އިންޑިއާ ކްލަބްގެ ޗީފް ޕޭޓްރަން މިސްޓަރ އޭ.ކޭ ޕާންޑޭ ވާހަކަފުޅު ދެއްކެވިއެވެ. ޝުކުރު އަދާކުރެއްވީ، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި އިންޑިއާ ކްލަބުގެ ޗެއަރމަން މިސްޓަރ ރިޓެން ގޯސް އެވެ.
ރައީސް ނަޝީދު ޞިއްޙީ ކޭމްޕް ހުޅުއްވައިދެއްވުމަށްފަހު، ކޭމްޕުން ދެވޭ ޚިދްމަތްތައް ބައްލަވާލައްވައި، ޚިދްމަތް ދެއްވަން ތިއްބެވި ބޭފުޅުންނާ ބައްދަލުކޮށްލެއްވިއެވެ.

އިންޑިއާ ކްލަބް އުފެދުނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އިންޑިއާ ކްލަބުން މިއަދު މިހިންގަވާ ޞިއްޙީ ކޭމްޕަކީ، އެ ކްލަބަށް އެއްއަހަރު ފުރުމާ ގުޅިގެން، އެމުނާސަބަތުގައި ހިންގަވާ ކޭމްޕެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިންޑިއާ ކްލަބަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމާއި، މި ކޭމްޕަށް ރައީސް މުޙަންމަދު ނަޝީދާއި، ހެލްތް އެންޑް ފެމިލީ މިނިސްޓަރ ޑޮކްޓަރ އާމިނަތު ޖަމީލު ދެއްވި އެއްބާރުލެއްވުން އެ ކްލަބުން ފާހަގަކުރައްވައެވެ.