ޤައުމީ ދުވަހުގެ މުނާސަބަތުގައި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު މިއަދު ހަވީރު ދިއްދުއަށް ވަޑައިގެންފިއެވެ.

ދިއްދޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. މަރްޙަބާ ދެންނެވުމުގެ އައިޓަމްތައް ހިނގަމުންދިޔައިރު، ދިއްދޫ ބަނދަރުގެ އުތުރުކޮޅުގައި ހަދާފައިވާ ”އުތުރު ބަގީޗާ“ ރައީސް ނަޝީދު ހުޅުއްވައިދެއްވައި، އެ ބަގީޗާގައި ގަހެއް އިންދަވައިދެއްވިއެވެ. އަދި އެބަނދަރުގެ ދެކުނުކޮޅުގައި ކުޑަކުދިންގެ ޕާކެއްގެ ބިންގާ، ރައީސް ނަޝީދު އަޅުއްވައިދެއްވައި، އެތާނގައިވެސް ގަހެއް އިންދަވައިދެއްވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖާފަތް މިރޭ ދިއްދޫގައި އޮންނާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ޚިދްމަތް ކުރައްވާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުމާއި، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ”ޤައުމީ އުފާ“ ޝޯ ފަށްޓަވައި ދެއްވުމުގެ ގޮތުން ރައީސް މުޚާޠަބު ކުރެއްވުންވެސް މިރޭ އޮންނާނެއެވެ.