ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން އިނގިރޭސިވިލާތުގެ އިންވެސްޓަރުންނަށާއި، ވިޔަފާރީގެ ދާއިރާގެ ބޭފުޅުންނަށް މަޢްލޫމާތު ދެއްވުމަށް ލަންޑަނުގައި ސެމިނާރެއް ބާއްވަވައިފިއެވެ. މި ސެމިނާރުގައި އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ އިންވެސްޓަރުންނާއި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިސެމިނާރުގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތައް، ބޭރުގެ ފަރާތްތަކަށް ހުޅުއްވާލައްވައި، ވަރަށް ހަލުވި ދުވެއްޔެއްގައި މިކަންތައްތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިއަދުގެ ސަރުކާރުން އެއްވެސް ވަރަކަށް ކޮރަޕްޝަނަށް ފުރްޞަތު ނުދެއްވާނެ ކަމަށާއި، އިންވެސްޓަރުންނަށް ރާއްޖޭގައި އޮންނާނީ ވަރަށް ރަނގަޅު މާޙައުލެއް ކަމުގައި ވިދާޅުވިއެވެ.

މި ސެމިނާރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އަސްޢަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާބެހޭ މަޢްލޫމާތު، އިންވެސްޓަރުންނަށް ދެއްވިއެވެ.

އިނގިރޭސިވިލާތުގެ ބައެއް އަމިއްލަ ވިޔަފާރިވެރިންނާއި، ޔޫ.ކޭ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ ބޭފުޅުންނާއެކު، ނާއިބު ރައީސް ޑޮކްޓަރ ވަޙީދު ބައްދަލުވުމެއް ވަނީ ބާއްވަވާފައެވެ. މިބައްދަލުވުން އިންތިޒާމު ކުރެއްވީ، ލަންޑަނުގެ އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސްއިންނެވެ. މިބައްދަލުވުމުގައި އިނގިރޭސިވިލާތުގެ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢުތަކާ ބެހޭގޮތުން އެބޭފުޅުންގެ ތަޖުރިބާ، ދިވެހި ވަފްދުގެ ބޭފުޅުންނާއެކު ޙިއްޞާ ކުރެއްވިއެވެ.

ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބީ.ބީ.ސީ ވާރލްޑަށް ރޭ ބަސްދީގަތުމެއް ދެއްވިއެވެ. އެ ބަސްދީގަތުމުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރުތަކާ ބެހޭގޮތުންނެވެ. ލަންޑަނަށް މިކުރައްވާ ދަތުރުފުޅުގެ އެއް ބޭނުންފުޅަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މިއަހަރު ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓުގައި، މިމައްސަލައަށް މިހާރަށްވުރެ ބޮޑަށް އިނގިރޭސި ސަރުކާރުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި އިތުރު އެއްބާރުލެއްވުން ހޯއްދެވުމަށް ދުނިޔޭގެ އެހެން ޤައުމުތަކާ އެކުގައިވެސް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާ ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ.